ސިއްޙަތު ލޭ ހަދިޔާކުރުން: އިންސާނިއްޔަތަށްޓަކައި ވެވޭ މަތިވެރި ގުރުބާނީއެއް

ލޭ ހަދިޔާކުރުން: އިންސާނިއްޔަތަށްޓަކައި ވެވޭ މަތިވެރި ގުރުބާނީއެއް

ލޭ ހަދިޔާކުރުން: އިންސާނިއްޔަތަށްޓަކައި ވެވޭ މަތިވެރި ގުރުބާނީއެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިންސާނާގެ ހަށިގަނޑުގައި ހިނގާ ލެޔަކީ ދިރުމުގެ އަސްލެވެ. މިއީ އެއްވެސް ކާރުޚާނާއެއްގައި އުފެއްދޭނެ އެއްޗެއް ނޫނެވެ. ބަލިމީހަކަށް ނުވަތަ ބޮޑު އަނިޔާއެއް ލިބިފައިވާ މީހަކަށް ލޭ ބޭނުންވާ ހިނދު، އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެހެން އިންސާނަކު ހެޔޮހިތުން ހަދިޔާކުރާ ލޭ ތިއްކެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް އިޖުތިމާއީ އަދި ފަރުދީ ޒިންމާއެކެވެ.

ކޮންމެ ސިކުންތަކީ ކޮންމެވެސް ތަނެއްގައި މީހަކަށް ލޭ ބޭނުންވެގެން އެހީއަށް އެދޭ ވަގުތެކެވެ. ކުއްލި ހާދިސާތަކާއި، ބޮޑެތި އޮޕަރޭޝަންތަކާއި، އަދި ވިހެއުމުގެ ތެރޭގައި ދިމާވާ ނުރައްކާތަކުގައި ލޭ ބޭނުންވާ މިންވަރު އިންތިހާއަށް ބޮޑެވެ. ހަމައެހެންމެ، ތެލެސީމިއާ ކުދިންނަކީ ދިރިހުރުމަށްޓަކައި ގަވާއިދުން ލޭ އަޅަންޖެހޭ ބަޔެކެވެ. އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭ ތިއްކަކީ، އުންމީދު ކަނޑާލާފައިވާ އާއިލާތަކަށް ލިބޭ އާ ދިރުމެކެވެ.

ލޭ ހަދިޔާކުރުމުގައި މީހާގެ ސިއްހީ ހާލަތަށް ވަރަށް ބޮޑަށް ބަލައެވެ. އާންމުގޮތެއްގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލޭ ހަދިޔާކުރެވޭނެއެވެ. ނަމަވެސް، ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތަކާއި، ހަށިގަނޑުގައި ޓެޓޫ ޖަހާފައިވާ ނުވަތަ ތަންތަން ތޮރުފާފައިވާ ފަރާތްތަކުން ލޭ ހަދިޔާކުރުމުގެ ކުރިން ވަކި މުއްދަތަކަށް (6 މަހާއި 1 އަހަރާ ދެމެދު) މަޑުކުރަންޖެހެއެވެ.

ބައެއް ފަހަރު ލޭ ހަދިޔާކުރަންދާ މީހުންގެ ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ނުވަތަ މާ ބޮޑަށް ދަށްވުމުގެ ސަބަބުން ލޭ ނުނެގޭ ހާލަތްތައް ދިމާވެއެވެ. މިއީ ގިނަފަހަރު ނަފްސާނީ ގޮތުން ނުތަނަވަސްވުމާއި، އެކަށީގެންވާ ވަރަށް ނިދި ނުލިބުމާއި، ނުވަތަ ފައިދާހުރި ކާނާ ނުކެވުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. މިފަދަ ކަމެއް ދިމާވުމަކީ ލޭ ހަދިޔާކުރަންދާ ފަރާތްތަކަށް ލިބޭ މާޔޫސްކަމެކެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމުގެ ކުރިން ރަނގަޅަށް އަރާމުކުރުމާއި ގިނައިން ފެންބުއިމަކީ މިފަދަ ގޮންޖެހުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ މުހިއްމު ކަންކަމެވެ.

ލޭ ހަދިޔާކުރަން ބައެއް މީހުން ޖެހިލުންވާ މައިގަނޑު ސަބަބަކީ އެކަމާ މެދު އޮންނަ ނުބައި ވިސްނުންތަކާއި ކަށި ދެކެ ގަންނަ ބިރެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ލޭ ދިނުމަކީ ހަށިގަނޑު ބަލިކަށިވެ ބަލިތަކަށް ހުށަހެޅޭ ކަމެކެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ލޭ ހަދިޔާކުރުމުގެ ސަބަބުން ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި:

  1. ހަށިގަނޑުގައި މުޅިން އައު ލޭ އުފެދުމަށް މަގުފަހިވުން.
  2. ހިތުގެ ބަލިތަކުން ދުރުކޮށްދިނުން.
  3. ހަށިގަނޑުގައި ދަގަނޑުގެ ބައި (iron) އިތުރުވުމުން ދިމާވާ ސިއްހީ މައްސަލަތަކުން ސަލާމަތްވުން.
  4. އެހެން މީހަކަށް އެހީތެރިވެވުނު ކަމުގެ އިހުސާސުން ލިބޭ ނަފްސާނީ ހިތްހަމަޖެހުން.

ލޭގެ ކޮންމެ ގްރޫޕަކީވެސް އެހާމެ މުހިއްމު ލެޔެކެވެ. މަދުން ފެންނަ ލޭގެ ގްރޫޕްތައް ފަދައިން، އާންމުކޮށް ފެންނަ ގްރޫޕްތަކުގެ (A+, B+, O+) ލޭ ބޭނުންވާ މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ. ކޮންމެ ލޭ ތިއްކަކީވެސް މީހެއްގެ ދިރިއުޅުމަށް އުންމީދު ގެނެސްދޭނެ އެއްޗެކެވެ.

ލޭ ހަދިޔާކުރުމަކީ ހަމައެކަނި ސިއްހީ ކަމެއް ނޫނެވެ. އެއީ އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެކެވެ. ތިމާ ހަދިޔާކުރާ ކޮންމެ ލޭ ފޮދަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ވެވޭ އެހީއެކެވެ. އެހެންކަމުން، ބިރުވެރިކަން ދޫކޮށްލައި، ދަރުމަވެރިއަކަށް ވުމަށް އިސްނަންގަވާށެވެ. މުޖުތަމައުގެ ދިރުމަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކޮށް، އިންސާނިއްޔަތުކަމުގެ ރޫހު ދިރުވުމުގައި އެންމެން އެކުގައި ބައިވެރިވަމާ ހިނގާށެވެ.

ނޯޓް: މިއީ ލޭ ހަދިޔާ ކުރެއްވުމާއި، ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާ އަދި މި ކަމުގައި މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރައްވާ ނ. ފޮއްދޫ ހަސަން އަރީން އާދަމްގެ ލިޔުއްވުމެކެވެ.

Top of Form

Bottom of Form

ޓެގް

ތެލެސީމިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.