ބޭރުދުނިޔެ

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 43،600 އަށްވުރެ މައްޗަށް

އިޒްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން އިތުރު 51 ރައްޔިތުން ޝަހީދުކޮށްލުމާއެކު، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 43،603 އަށް އަރައިފިއެވެ.

ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ، މިހާތަނަށް 102،929 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ދިން ތިން ހަމަލާއެއްގައި 51 މީހުން މަރުވެ، 164 މީހުން ޒަޚަމްވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

“ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ތެރޭގައި ބަންދުވެފައި. އަދި މަގުމަތީގައިވެސް ގިނަ މީހުން އެބަތިބި. ނަމަވެސް ސަލާމަތްކުރާ ފަރާތްތަކަށް އެމީހުންނާ ހަމައަށް ދެވޭކަށް ނެތް،” ވުޒާރާއިން ބުންޏެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރާއީލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އަނިޔާވެރި ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައެވެ.

އިޒްރާއީލުގެ މި ހަމަލާތަކާ ގުޅިގެން، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ވަނީ ނިކަމެތި ހާލުގައި ޖެހިފައެވެ. އަދި ކާބޯތަކެއްޗާއި، ސާފު ފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

އެމެރިކާ، މިސްރު އަދި ޤަޠަރުގެ މެދުވެރިކަމާއެކު ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށާއި، އިޒްރާއީލާއި ހަމާސްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކަށް އާދެވޭތޯ ކުރަމުންދާ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އެއީ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހަނގުރާމަ ހުއްޓުވުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.

މީގެ އިތުރުން، ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އިޒްރާއީލުގެ މައްޗަށް ނަސްލު ނައްތާލުމުގެ ދަޢުވާއެއް އުފުލިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close