ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު “ސްޕިރިޓް” އިން ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ވަކިވި މައްސަލައިގެ ހޫނު ބަހުސެއް އަނެއްކާވެސް ފެށިފައިވާއިރު، ސަންދީޕް ފަދަ ޑައިރެކްޓަރަކާއެކު ދީޕިކާ ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށް އޭނާއާ ގާތް ފަރާތްތަކުން ހާމަކޮށްފިއެވެ.
ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، ދީޕިކާ އޭނާގެ މުޅި ހަޔާތުގައިވެސް ސަންދީޕާ ބައްދަލުކުރީ އެންމެ ފަހަރަކުއެވެ. އެ ބައްދަލުވުމަށްވެސް ސަންދީޕް ގަޑިއެއްހާއިރު ލަހުން އައިއިރު، ހިއްސާކުރީ ފިލްމުގެ އެންމެ ޖުމްލައެއްގެ ޚުލާސާއެކެވެ. ފުރިހަމަ ވާހަކަ ނޭނގޭތީ އެ ފިލްމު ކުޅުމަކީ ދީޕިކާ ވިސްނި ކަމެއް ނޫން ކަމަށާއި، ސަންދީޕްގެ ފިލްމުތަކުންނާއި އަމަލުތަކުން ފެންނަ އަންހެނުންނަށް އިހުތިރާމު ކުޑަކުރުމުގެ މިޒާޖުގެ ސަބަބުން އޭނާއާއެކު ދީޕިކާ ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށް އެ ފަރާތުން ބުންޏެވެ.
މި މައްސަލަ އަލުން ހޫނުވީ ސަންދީޕްގެ ކޮއްކޮ ޕްރަނޭ ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. ޕްރަނޭ ބުނި ގޮތުގައި ދީޕިކާ ފިލްމުން ދޫކޮށްލީ އޭނާގެ އަގާއި ވަގުތު ހަމަޖެއްސުމުގައި އެއްބަސްނުވެވިގެންނާއި، ފިލްމުގެ ފައިދާއިން 10 އިންސައްތަ ހިއްސާއަކަށް އެދުމުންނެވެ. އަދި އެތެރޭގެ ވާހަކަތައް މީޑިއާއަށް ލީކުކުރީ ދީޕިކާގެ ޓީމުން ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.
މީގެ ކުރިން ދެކެވުނު ވާހަކަތަކާ ގުޅިގެން ދީޕިކާ ބުނެފައިވަނީ އޭނާ އަބަދުވެސް ކަންކަމާ ކުރިމަތިލަނީ ހަމަހިމޭންކަމާއި އަބުރުވެރިކަމާއެކު ކަމަށާއި، ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުމަށް އެދުމަކީ ބޭއިންސާފު ކަމެއް ނޫން ކަމަށެވެ. އަދި ބޮލީވުޑްގެ ފިރިހެން ތަރިންވެސް އެތައް އަހަރެއް ވަންދެން 8 ގަޑިއިރު މަސައްކަތް ކުރަމުން އަންނައިރު އެއީ މައްސަލައަކަށް ނުވާކަން ދީޕިކާ ފާހަގަކުރިއެވެ.
ދީޕިކާ މި ފިލްމުން ވަކިވުމާ ގުޅިގެން، ޕްރަބާސްއާއެކު “ސްޕިރިޓް” ގެ ބަތަލާގެ ރޯލު މިހާރު ވަނީ ތުރިޕްތީ ދިމްރީއަށް ދީފައެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލުކޮށްފައިވަނީ މާޗު 2027 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...