ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް ހެޔޮވެރިކަމެއް ގާއިމުކުރެވިފައިވާކަން އެނގޭނެ އެންމެ ބޮޑު މިންގަނޑަކީ ޤާނޫނުތަކާއި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ލިބޭ އަމަލީ ނަތީޖާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރުޝާގައި ބާއްވާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުންނެވެ.
މި އަހަރުގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ، ދައުލަތުގެ މުއައްސަސާތައް ހަމައެކަނި އުފެދިފައި ތިބުމުން ފުއްދާލެވެން ނެތް ކަމަށާއި، އެ ތަންތަނުން ކުރާ މަސައްކަތްތަކުން ރައްޔިތުންނަށް ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭންޖެހޭ ކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލިސްތަކަކީ ރައްޔިތުންގެ އަޑުއަހާ، އެންމެންގެ ބައިވެރިވުން ހިމެނޭ ފަދަ ހުޅުވާލެވިފައިވާ މުއައްސަސާތަކަކަށް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައިޕީޔޫ އެސެމްބްލީގެ މައިގަނޑު ޝިއާރަށް އަލިއަޅުވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މަޖިލިސްތަކުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންގޮސް ޖަވާބުދާރީވުން އިތުރުކޮށްގެން މޫނުބުރަ ނެތް އިތުބާރެއް އާންމުންގެ މެދުގައި އުފެދޭނެ ކަމަށެވެ. މީގެއިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ސަރީހަ ހެކިތަކުގެ މައްޗަށް ބިނާކުރުމަށާއި، މައުލޫމާތު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދީގެން މުޖުތަމަޢު ބާރުވެރިކުރުވުމަކީ ހެޔޮވެރިކަމެއްގެ އަސާސްތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި އައިޕީޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ މަޖިލިސްތަކާއެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...