ގަވީއަށް 8 މަސްދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ – ބާސާ

މިހާރު ކުޅެވެމުންދާ ޔޫރޯ ކޮލިފައިންގައި ކުޅެމުން ދާ މެޗުތަކުގެ ތެރެއިން ސްޕެއިން އާއި ޖޯޖިއާ ބައްދަލުކުރި މެޗުގައި ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު، ޕަބްލޯ ގަވީރިއާ (ގަވީ) އަށް ލިބިފައިވާ އަނިޔާ ސީރިއަށް ކަމަށާއި ، މި އަނިޔާގެ ސަބަބުން މި ސީޒަންގައި ކުރިއަށް ހުރިމެޗުތަކުގެ އިތުރުން 8 މަސްދުވަހަށް ފުޓްބޯޅަ ކުޅުމާއި ދުރަށް ދާން ޖެހިދާނެކަމަށް ބާސެލޯނާ އިން ބުނެފިއެވެ.
ސްޕެއިން އާއި ޖޯޖިއާ ބައްދަލުކުރި މެޗުގައި ގަވީ ބޯޅަ ހިފައިގެން ދަނިކޮށް ގަވީގެ ފަހަތުން އައި ޖޯޖިޔާގެ ކުޅުންތެރިއަކު ކުރި ނުރައްކާތެރި ޓެކުލްއަކާއި ގުޅިގެން ގަވީއަށް ކުރިމަތިވި އަނިޔާގެ ސީރިއަސްކަން ބެލުމަށް ހެދި ސްކޭން ތަކަކަށްފަހު އެ ކުލަބުން ވަނީ އޭނާގެ ކަކުލު ހުޅުގެ ލިގަމެންޓް (އޭސީއެލް) ގެ އަނިޔާއެއް ކަން ކަށަވަރުކޮށްދީފައެވެ.
ގަވީގެ އަނިޔާއާއި ގުޅިގެން ބާސެލޯނާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގަވީގެ ކަނާތު ކަކުލުގެ ލިގަމެންޓް (އޭސީއެލް) އިރައިގެންގޮސްފައިވާ ކަމަށާއި، އަދި މެނިސްކަސް އަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. މިއަނިޔާ އާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ގަވީ، ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ އިތުރު އަޕްޑޭޓް ދޭނެ ކަމަށް ވެސް އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގަވީއަށް ސީރިއަސް އަނިޔާއެއް ވެފައިވާއިރު އޭނާ އަކީ ބާސެލޯނާ އާއި އަދި ސްޕެއިން ޓީމުގައިވެސް ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.
