ރައީސުލްޖުމުހޫރިއްޔާ މާލޭސަރަހައްދުގެ ރައްޔިތުންގެ ގާތަށް، ފުރަތަމަ މާދަމާރޭ ވިލިމާލެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި މުހްޔިއްދީން ސްކޫލްގައެވެ.
މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި އެމީހުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް ފުރަތަމަ ބައްދަލުކުރައްވާނެ ބައްދަލުވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވާފައެވެ.
ރައީސް މުއިއްޒު ވަނީ ރައީސްކަމުގެ ހުވާކުރެއްވި ފަހުން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ފުއްދަވާފައެވެ. އެ ދަތުރުފުޅުތަކުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރައްވައި، ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި، ނިންމަވައި އިފްތިތާހުކޮށްދެއްވާފައިވެއެވެ.

