ބޭރުދުނިޔެ

ޗައިނާ ކޯވިޑް: ޒެންގްޒޯގައި ހުންނަ ޖަޔަންޓް އައިފޯން ފެކްޓްރީގައި މުވައްޒަފުން މުޒާހަރާކުރަނީ

ބީބީސީ (23 ނޮވެމްބަރ) – ޗައިނާގެ ޒެންގްޒޯ ސިޓީގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އައިފޯން ފެކްޓްރީގައި މުޒާހަރާތައް ފަށާފައިވާ ކަމަށް އޮންލައިންކޮށް ފުޅާދާއިރާއެއްގައި ދައުރުވި ފޫޓޭޖްތަކުން ދައްކައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް ސަތޭކަ މަސައްކަތްތެރިންނެއް މުޒާހަރާކުރަމުން ދާއިރު، ބައެއް މީހުންނާ ކުރިމަތިލާނީ ހަޒްމަޓް ސޫޓުގައި ތިބި މީހުންނާއި ރިއަޓް ޕޮލިހުންނެވެ.

މުޒާހަރާތައް ލައިވް ސްޓްރީމް ކުރި މީހުން ބުނީ މަސައްކަތްތެރިންގެ ގައިގައި ފުލުހުން ތަޅާފައިވާ ކަމަށެވެ. ވީޑިއޯތަކުން ވެސް ފެންނަނީ ހަމަނުޖެހުންތަކެވެ.

ފޮކްސްކޮން އިން ބުނީ މިހާރު ކުރިއަށްދާ މުޒާހަރާ ހުއްޓުވުމަށް މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބައެއް މަސައްކަތްތެރިންނަށް މުސާރައާ މެދު ޝައްކު އުފެދިފައިވީ ނަމަވެސް ކޮންޓްރެކްޓްތަކަށް ބަލައިގެން މުސާރަ ފުރިހަމަ ކުރާނެ ކަމަށެވެ.

މިދިޔަ މަހު ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ އެތަން ލޮކްޑައުން ކުރުމުން ބައެއް މަސައްކަތްތެރިން ވަނީ ބްރޭކްއައުޓްކޮށް ގެއަށް ގޮސްފައެވެ. އެއަށްފަހު އެކުންފުނިން އާ މަސައްކަތްތެރިން ހޯދީ ދީލަތި ބޯނަސްތަކެއް ދިނުމުގެ ވައުދާ އެކުގަ އެވެ.

ލައިވްސްޓްރީމިން ސައިޓެއްގައި ހިއްސާކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި މަސައްކަތްތެރިން ގޮވަމުން ދިޔައީ “އަހަރެމެންގެ ހައްގުތައް ދިފާއު ކުރައްވާ! އަހަރެމެންގެ ހައްގުތައް ދިފާއު ކުރައްވާ!”

އެހެން މަސައްކަތްތެރިން ސަވައިލެންސް ކެމެރާތަކާއި ކުޑަދޮރުތައް ތަޅާލާ މަންޒަރު ފެނިފައިވެ އެވެ.

ދާދި ފަހުން ޒެންގްޒޯ ޕްލާންޓުގައި މަސައްކަތް ފެށި އެއް މުވައްޒަފަކު ވެސް ބީބީސީއަށް ބުނީ މަސައްކަތްތެރިން މުޒާހަރާ ކުރަނީ ފޮކްސްކޮން އިން “ވައުދުވި ކޮންޓްރެކްޓަށް ބަދަލު ގެނެސްފައިވާތީ” ކަމަށެވެ.

“މުޒާހަރާ ކުރަމުންދާ މަސައްކަތްތެރިން ބޭނުންވަނީ ސަބްސިޑީއެއް ހޯދައިގެން އެނބުރި ގައުމަށް ދާން،” ސްޓާފް މެމްބަރު ވިދާޅުވި އެވެ.

ޓައިވާނުގެ ކުންފުންޏެއް ކަމަށްވާ ފޮކްސްކޮން އަކީ އެޕަލްގެ މައިގަނޑު ސަބްކޮންޓްރެކްޓަރު ކަމަށާއި އެ ކުންފުނީގެ ޒެންގްޒޯ ޕްލާންޓުން ދުނިޔޭގެ އެހެން ތަންތަނަށް ވުރެ ގިނަ އައިފޯން އެސެމްބްލް ކުރެ އެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅު ގިނަ މަސައްކަތްތެރިންތަކެއް ޕްލާންޓުން ފިލައިގެން ދިޔައީ ކޯވިޑް ކޭސްތައް އިތުރުވެ، މުވައްޒަފުންނާ މެދު ފަރުވާކުޑަކޮށް އަމަލުކުރާ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close