ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާންގެ ރަސްމީ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ ޑިސެންބަރު މަހު އެ ގައުމުގެ ވެރިރަށް ޑާކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ބަންގްލަދޭޝްގެ ގައުމީ ނޫސް އެޖެންސީ، ޔުނައިޓެޑް ނިއުސް އޮފް ބަންގްލަދޭޝް (ޔޫއެންބީ) އިން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒުގެ މި ދަތުރުފުޅު އޮންނާނީ ޑިސެންބަރު މަހުގެ 13 އިން 16 އަށެވެ.
ތިން ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތުމަށް ޑާކާއިން ފުރާވަޑައިގަންނަވާނީ ޑިސެންބަރު 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ޔޫއެންބީގެ ރިޕޯޓުގައިވެއެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒާއި ބޮޑުވަޒީރު ތާރިގު ރަހްމާނާ ދެމެދު ގާތް ގުޅުމެއް އޮތް އިރު، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ލީޑަރުންގެ ފެންވަރުގައި އޮންނަ ގުޅުން ބަދަހިވެ، ދެކުނު އޭޝިއާ ސަރަހައްދުގެ ހަމަޖެހުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.
ޓައިމްސް އޮފް ބަންގްލަދޭޝް (ޓީއޯބީ) ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ބަންގްލަދޭޝްގެ އެއް ލައްކައަށް ވުރެ ގިނަ ރައްޔިތުން މަސައްކަތްކުރަމުންދާތީ، ރާއްޖެއަކީ ބަންގްލަދޭޝްއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވޭ ގައުމެކެވެ.
އެހެންކަމުން، މި ދަތުރުފުޅުގައި ބާއްވާ މަތީ ފަންތީގެ މަޝްވަރާތަކުގައި ޑާކާއިން އެންމެ ބޮޑަށް އިސްކަންދޭނީ ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ވަޒީފާގެ އާ ފުރުސަތުތައް ހޯދުމަށެވެ.
މީގެ އިތުރުން، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ވެސް މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެއެވެ.
ރާއްޖޭގެ އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ދިވެހި ސަރުކާރުން ފާހަގަކުރާ އިރު، މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތަކުގައި އެއްބާރުލުން ދިނުމަކީ ރާއްޖެއިން ޝައުގުވެރިވާ ދާއިރާތަކެކެވެ.
ރާއްޖެއާއި ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވަނީ މި އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ތާރިގު ރަހްމާން ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ޑާކާއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.
ބަންގްލަދޭޝްގައި އާ ސަރުކާރު އެކުލަވާލި ފަހުން ބޭރު ގައުމެއްގެ ވެރިޔަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ ކުރިން ޑިސެންބަރު 7 އިން 8 އަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ޑާކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރަހައްދީ ގާތް ދެ ގައުމު ކަމަށްވާ ރާއްޖެއާއި މެލޭޝިއާގެ އެންމެ އިސްވެރިން ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުތަކުގެ ސަބަބުން ސަރަހައްދީ އިގުތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ދެކެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...