ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދާއި ފެންނަ ނުފެންނަ ވޯޓަކާ ނުލައި، ފުށިދިއްގަރު ފަޅުގައި ސަރުކާރުން ހިންގަން އުޅޭ ރެޒިޑެންސީ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، އެއީ މުޅި ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލޭގައި ހިންގަން ރާވާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ފެށުމުގެ ކުރިން، އެ ކަމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ވޯޓެއް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މި މަޝްރޫއުއާ ގުޅޭ ގޮތުން މިހާރު އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި، އެ މައްޗަށް ގޮތެއް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ވެރިންނަށް ބައެއް ކަންކަމަކީ ރަނގަޅު ތަސައްވުރެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވާ ނަމަ އެ މަޝްރޫއެއް ކާމިޔާބު ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން އެކުލަވާލާ ކޮންމެ ތަސައްވުރެއް ވެސް ރައްޔިތުންނަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، ރައްޔިތުން ގަބޫލުނުކުރާ ކަމެއް އެމްޑީޕީއަށް ވެސް ބަލައިނުގަނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުއަށް އަމިއްލަފުޅު ގޮތުން ތާއީދުކުރައްވާކަން މީގެ ކުރިން ހާމަކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވީ، މި މަޝްރޫއުއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އަޑުއުފުލުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށާއި، އެ ގޮތުން މި ނޮވެމްބަރު މަހުގެ ތެރޭގައި އެ ޕާޓީން އެއްވުމެއް ބާއްވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...