ދިގު މުއްދަތަކަށް ދައުލަތަށާއި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޚިދުމަތުގެ އެންމެ މަތީ ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށާއި ޢައްބާސް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި ޝަރަފު އެރުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް އަދި ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޢައްބާސް އިބްރާހީމަށެވެ.
މިޞްރުގެ ޖާމިޢުލް އަޒްހަރުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ދީނީ ތަޢުލީމު ފެތުރުއްވުމަށާއި ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.
ދައުލަތުގެ ޚިދުމަތާ 8 ފެބްރުއަރީ 1981 ގައި ރައީސް އޮފީހުގެ އެޑްވައިޒަރުކަމުން ގުޅިވަޑައިގެންނެވި ޑރ. ރަޝީދު، ސަރުކާރަށް ޚިދުމަތްކުރައްވާތާ 40 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެމަނިކުފާނު ވަނީ ރައީސް އޮފީހުގެ ޚާއްޞަ ވަކީލުކަމާއި، ޢަރަބިއްޔާ ސްކޫލް އުފެދުމާއެކު އެ ސްކޫލްގެ މުދީރުކަންވެސް އަދާކުރައްވާފައެވެ.
ހަމައެއާއެކު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުކަމުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި މެންބަރުކަންވެސް ޑރ. ރަޝީދު ފުރުއްވިއެވެ.
ދީނީ އެކި ފޮތްތަކާއި ހުކުރު ޚުޠުބާ ލިޔުއްވުމުގެ އިތުރުން، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުމުގެ ކޮމިޓީގައި މަސައްކަތްކުރައްވައި، ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތަކާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށްވެސް އެމަނިކުފާނު ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން މި ޝަރަފު ލިބިވަޑައިގެންނެވި ޢައްބާސް އިބްރާހީމަކީ، ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި މިއަދުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ފާހަގަކޮށްލެވޭ އަދީބެކެވެ.
ނޫސްވެރިކަމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ބަހާއި އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެންނެވި ޢައްބާސް ވަނީ 1979 ވަނަ އަހަރުން ފެށިގެން 'އާފަތިސް' ގެ ނަމުގައި ނޫހެއް ނެރުއްވާފައެވެ. އަދި ނޫސްވެރިކަމުގެ ރޮނގުން މީގެ ކުރިން ޤައުމީ އިނާމާއި ޝަރަފުގެ އިނާމުވެސް އެމަނިކުފާނު ވަނީ ހާސިލުކުރައްވާފައެވެ.
ދިވެހި ބަހަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ފުރުޞަތު ޢައްބާސަށް ލިބިވަޑައިގަތީ 1996 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަޤާމުގައި ހުންނަވައިގެން ދިވެހި ބަސްފޮތް ޑިޖިޓަލައިޒް ކުރެއްވުމުގެ މުހިންމު މަސައްކަތް އެމަނިކުފާނު ކުރެއްވިއެވެ.
ބޭރު ބަސްބަހުން ހުންނަ ލިޔުންތަކާއި ވާހަކަތައް ސާފު ދިވެހިބަހަށް ތަރުޖަމާކުރެއްވުމާއި، މަޒުމޫނާއި ވާހަކަ ލިޔުއްވުމުގެ އިތުރުން ޅެންވެރިކަމުގެ ދާއިރާގައިވެސް ޢައްބާސް އިބްރާހީމް ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ޢައްބާސް އިބްރާހީމް މިހާރުވެސް ގެންދަވަނީ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމާއި، ދިވެހި ލިޔުންތެރިންގެ ޖަމުޢިއްޔާގެ ރައީސްކަމުގެ މަޤާމު އަދާކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...