ކުޅިވަރުވޯލްޑްކަޕް-22

ބިޔަރާނުލައި ދުވާލަކު 3 ގަޑިއިރު ސަޕޯޓަރުންނަށް ހޭދަކުރެވެން ވާނެ: ފީފާގެ ރައީސް

ދޯހާ – ވޯލްޑް ކަޕް ސަޕޯޓަރުންނަށް ބިޔަރާއި ނުލައި ދުވާލަކު ތިން ގަޑިއިރު ދިރިހުރެވޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ފީފާގެ ރައީސް މިހެން ވިދާޅުވީ މިފަހަރުގެ ވޯލްކަޕް ކުޅޭ ދަނޑުތަކުގެ ކައިރީގައި ބިޔަރު ވިއްކުން މަނާކުރުމަށް ފަހު އެކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
“އަޅުގަނޑަށް ހީވަނީ ދުވާލަކު ތިން ގަޑިއިރު ބިޔަރު ނުބޮއި ސަލާމަތުން ތިބެވިދާނެކަމަށް،” ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
ވޯލްޑް ކަޕްގެ ވެރިން ހުކުރު ދުވަހު ގަތަރުގެ ދަނޑުތަކުގެ ވަށައިގެން ބިޔަރު ވިއްކުން މަނާކުރީ އާދީއްތަ ދުވަހުގެ މެޗު ފެށުމުގެ އެންމެ 48 ގަޑިއިރަށް ވެފައި ވަނިކޮށެވެ.
އިސްލާމީ ގައުމުތަކުގައި ބަނގުރާ ބުއިމަކީ ބޮޑުތަނުން މަނާ ކަމެއް ނަމަވެސް އިންތިޒާމް ކުރާ ފަރާތްތަކުން މިނިންމުން ނިންމާފައިވަނީ ވަރަށް ލަސްވިފަހުން ކަމަށްވާތީ މިނިންމުމާއި ގުޅިގެން ފުޓްބޯޅަ ފޭނުންގެ ރުޅިވެރިކަން އުފެދުނުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ފުޓްބޯޅައިގެ ވޯލްޑް ގަވަނިން ބޮޑީ ފީފާއިން ބުނީ ވޯލްޑް ކަޕް ބާއްވާ އަށް ދަނޑުގެ ތެރެއިން އެއްވެސް ސްޓޭޑިއަމެއްގެ ކައިރީގައި ސަޕޯޓަރުންނަށް ބިޔަރު ނުވިއްކޭނެކަމަށެވެ.
ހޯސްޓް ޓީމާ އެކު ކުރި މަޝްވަރާތަކަށް ފަހު ފީފާއިން ބުނީ ބިޔަރު ވިއްކުން ފޯކަސް ކުރާނީ ފޭން ޒޯންތަކަށާއި ލައިސަންސް ލިބިފައިވާ ތަންތަނަށް ކަމަށެވެ. އަދި ގަތަރުގެ ފީފާ ވޯލްޑް ކަޕް 2022 ގެ މެޗްތައް ކުޅޭ ސްޓޭޑިއަމްތައްކައިރީގައި ހުރި ބިޔަރު ވިއްކާ ޕޮއިންޓްތައް ނައްތާލާނެ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
މި ކުއްލި ނިންމުން ފީފާއިން ނިންމުމުން ބައެއް ފަރާތްތަކުން އެކަމަކީ ހައިރާން ކުރުވަނިވި ނިންމުމެއް ކަމަށް ސިފަކޮށްފައެވެ. އަދި މިނިންމުން ނިންމި ސަބަބެއް ފީފާއިން ހާމަނުކުރި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ގަތަރުގެ ވެރިކަން ކުރާ ޝާހީ އާއިލާގެ ތަދައްޚުލުވުމެއްގެ ތެރެއިން ހިނގާފައިވާ ކަމެއްކަމަށް ތުހުމަތު ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close