ކުޅިވަރު

ލިވަޕޫލަށް ހަމަނޭވާއެއް – މެންޔޫ އާއި ޗެލްސީގެ މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުން އެޓީމުކުޅުނު ގިނަ މެޗުތަކަކުން ބަލިވުމަށްފަހު  ޕޮއިންޓް ތާވަލުގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ލިވަޕޫލުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހޯދައިފިއެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ މިހަފުތާގެ ބޮޑުމެޗުގެ ގޮތުގައި ފާހަގަކުރެވުނު  މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ކަނޑެއް ނުޖެހި 0-0 ން އެއްވަރުވެއްޖެއެވެ.  މި ނަތީޖާތަކުގެ ސަބަބުން ތާވަލުގެ 1 ވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 12 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެއީ 26 މެޗުން 62 ޕޮއިންޓެވެ. ރޭގެ ނަތީޖާއާއިއެކު ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 26 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، އިއްޔެ ކުޅުނު މެޗުން އާސެނަލް އަތުން 3-1 އިން ބަލިވުމުން ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ 26 މެޗުން 49 ޕޮއިންޓެވެ.

ޝެފީލްޑް ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭކުޅެވުނު ލިވަޕޫލުގެ މެޗުގައި ޝެފީލްޑްގެ ކީޕަރު އާރޮން ރާމްސްޑޭލް ވަނީ ފުރަތަމަ ހާފުގައި ލިވަޕޫލުން ފޮނުވާލި ހުރިހާ ހަމަލާއެއް ހުއްޓުވައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. ލިވަޕޫލުން ޖެހި ދެ ވަނަ ގޯލަކީ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޝެފީލްޑްގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ލީގުގެ ތާރީހުގައި ލިވަޕޫލުން ޖެހި 7000 ވަނަ ގޯލެވެ.

ލިވަޕޫލުގެ ކޯޗު ފާހަގަ ކުރިގޮތުގައި ރޭގެ މިނަތީޖާއަކީ ލީގުގައި ދެން ކުރިއަށްހުރި މެޗުތަކާޢިގެން ކުރިއަށް ދިއުމަށް އެޓީމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close