ކޮޕް 31 ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް ބާއްވާ މި އަހަރުގެ އެންމެ މުހިންމު އެއް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ދިވެހިރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސަމިޓުގެ ހަވާސާގައި މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރޭވިފަ އެވެ.
މި ބައްދަލުވުމަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީހީ ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ ސަމިޓަކަށްވާއިރު، މިއީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ. ދުނިޔޭގެ ލީޑަރުންނާއި މެންބަރު ގައުމުތަކުގެ މަންދޫބުންގެ އިތުރުން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިން އަދި މަދަނީ ޖަމުއިއްޔާތަކުން މި ބައްދަލުވުމުގައި ބައިވެރިވެ، އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މަތީ ފަންތީގެ ސަރުކާރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...