ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާގެ ސީދާ މަންފާ ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގުފަހިކުރުމުގެ ގޮތުން، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކުގެ އިތުރުން ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމެވެ. އަދި އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ހޯދައިދެވޭނެ ފަދަ ވަރުގަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީވެސް މި ކުންފުނީގެ މުހިންމު ލަނޑުދަނޑިއެކެވެ.
އަލަށް އުފެއްދެވި ކުންފުނީގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބައްޓަންކުރުމަށް ހަމަޖެހިފައިވަނީ ތިމާވެށްޓާ ރައްޓެހި އުސޫލުތަކާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި، ޤައުމީ އިޤްތިޞާދަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުން ހިމެނެއެވެ.
މި ކުންފުންޏަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު އިއުލާންކުރެއްވި 10 ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މި ރިސޯޓުތައް ތަރައްޤީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދިނުމެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ރައްޔިތުން ހިއްސާވާ ގޮތަށް ތަރައްގީކުރާ މި 10 ރިސޯޓުގެ އަމަލީ މަސައްކަތްތައް މި މަހުގެ ތެރޭގައި ފެށިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...