ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ ތަންޒީމުކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހެޅި އާ ބިލުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރަސްމާލޭގައި ކުރިއަށްގެންދާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް އެތައް މަންފާތަކަކާއި މާލީ ކުރިއެރުން ގެނެސްދޭނެ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ހުއްޓުވުމަށް ނުވަތަ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް އެދި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ރައީސް ވިދާޅުވީ މިފަދަ ކަމެއްގައި ރިފަރެންޑަމަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތީ ބާރާއި، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ އިންތިޒާމުތައް އަލަށް ހުށަހެޅި ގާނޫނުގެ ތެރެއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ގައުމީ މަސްލަހަތު ގެއްލޭނެ އެއްވެސް ޖާގައެއް މި މަޝްރޫއުގައި ނޯންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...