މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަނިކޮށް ގއ. ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގައި ތިބި 10 މީހުން، އެމްއެންޑީއެފް ކޯސްޓްގާޑުން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްދީފައެވެ.
ރޭ ދަންވަރު 00:40 ހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މި އުޅަނދުގައި ދަތުރުކުރި ހަތަރު ދިވެހިންނާއި ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު ރޭ ދަންވަރު 01:53 ހާއިރު ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނެގިއިރު، ޑިންގީއެއްގައި ފެންފުއްޓާއަށް އެރި އަނެއް ތިން މީހުން 02:10 ހާއިރު ވަނީ ސިފައިންގެ އުޅަނދަށް ނަގާފައެވެ.
ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތަށް އޭގެ ވެރިފަރާތުން ފޮނުވި "ސްވިފްޓް" ދޯނި ފަތިހު 04:22 ހާއިރު އެ ސަރަހައްދަށް ދިއުމުން، ސަލާމަތްކުރެވުނު ހުރިހާ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ. އަދި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުން މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...