މިފަހަރު ރައީސް ސޯލިހަށް ތާއީދު ކުރެވޭކަށް ނެތް: ރައީސް ނަޝީދު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ދެވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.
އެމްޑިޕީގެ ޕްރައިމަރީގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައީސް ސޯލިހަށް ތާއިދުކުރައްވާނެކަން ހާމަކުރެއްވުމުން، އެމްޑީޕީގެ މެންބަރުން ތިއްބެވި ގްރޫޕެއްގައި ނަޝީދު ވިދާޅުވީ ‘މިފަހަރު ރައީސް ސޯލިހަށް ތާއިދުކުރެވޭކަށް ނެތް’ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާ އެކު ކުރިއަށް ދާން އެމްޑީޕީގެ މެންބަރުން ބޭނުންވާނަމަ އެމްޑީޕީއަށް އިންތިހާބު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
“ރައީސް ސޯލިހަކީ ކެންޑިޑޭޓްނަމަ އެމްޑީޕީ ބަލިވުން ވަރަށް ގާތް. ހުރިހާ ބޭފުޅުންވެސް ވިސްނަވާ. ޕާޓީއާއި ރާއްޖެ މުހިއްމު ވާންޖެހޭނެ. މީހަކު ފަހަތުން އުޅުން ރަނގަޅެއް ނުވާނެ… މި ފަހަރު ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް،” ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
މިހާތަނަށް ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހާމަ ކުރައްވާފައިވަނީ ރައީސް ސޯލިހުގެ އިތުރުން ނަޝީދެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައަޅަނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ.
މަޖިލީހުން އެންމެ ފަހުން ބޭއްވި “އާސްކް ސްޕީކާ” ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީ އަށް އޮތް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނު ނުކުރާއިރު، މި އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އެ ދުވަހު ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އެމަނިކުފާނަކީ ޕާޓީއަށް “ޗޮއިސް” އެއް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ފުރަތަމަ ބާއްވާނެ ކަމަށް އަޑު ފެތުރުނީ ނިމިދިޔަ އޮގަސްޓު މަހު އެވެ. އެއަށްފަހު މި މަހު ބާއްވާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް މިހާރު އިވެމުންދަނީ އަންނަ އަހަރަށް ލަސްވި ވާހަކަ އެވެ. އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބޭއްވޭނެ ތާރީހެއް، ޕާޓީގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެ ފެކްޝަން އުފެދި ބޮޑެތި މައްސަލަތައް އުފެދިފައިވާއިރު އިދިކޮޅު ޕީޕީއެމުން ވަނީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އަރުވާފަ އެވެ. އެކަން ގަބޫލުފުޅު ކުރައްވާ ރައީސް ޔަމީން ރިޔާސީ ކެމްޕޭން ވެސް މިހާރު ވަނީ ފައްޓަވާފަ އެވެ.



