ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު މިއަދު ފާސްކޮށްފިއެވެ.
ބަޖެޓް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި މި ނިންމުން ފާސްވެގެންދިޔައީ، ބައްދަލުވުމުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ވެސް ފުރިހަމަ ތާއީދާއެކުގައެވެ.
މި ބަޖެޓު ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ކަމަށްވާއިރު، އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ޖުމުލަ އަދަދަކީ 59.7 ބިލިއަން (59,704,440,795) ރުފިޔާއެވެ.
އަންނަ އަހަރު ހިލޭ އެހީ ހިމެނޭހެން ދައުލަތަށް ޖުމުލަ އާމްދަނީގެ ގޮތުގައި 43.1 ބިލިއަން (43,150,106,809) ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ 8.2 ބިލިއަން (8,211,992,410) ރުފިޔާގެ ބަޖެޓު ވެސް ހަމަ އޮތް ގޮތަށް ފާސްކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް އުނިއިތުރެއް ނުގެންނަން ކޮމިޓީން ނިންމާފައިވަނީ، އެއީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބަޖެޓަކަށް ވާތީއެވެ.
މިނިވަން މުއައްސަސާތަކުގެ ބަޖެޓު އެކުލަވާލާފައިވަނީ އެ މުއައްސަސާތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވުމާއެކު، ޤާނޫނީ ޒިންމާ އަދާކުރުމުގައި ފައިސާގެ ދަތިކަމެއް ކުރިމަތިވެއްޖެނަމަ ކޮންޓިންޖެންސީ ބަޖެޓުން އެކަން ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާތީ، ވަކިވަކި އޮފީސްތަކުގެ ބަޖެޓަށް ބަދަލެއް ގެންނަން ނުފެންނަކަމަށް ކޮމިޓީގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...