މާދަމާރޭ ފާހަގަކުރާ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ އިޙްތިފާލުގައި، ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ 113 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުގެ އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގައި މާދަމާރޭ 8:30 ގައި ބާއްވާ މި ޖަލްސާގައި ދެ ގިންތިއަކުން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އަރުވާ އިނާމާއި، ތަޢުލީމީ ގޮތުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެވެ.
ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ 56 ބޭފުޅަކަށް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިނާމު އަރުވާނެއެވެ. މި ބޭފުޅުންނަށް ދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އައްޑަނައަކާއި، ޝަރަފުގެ ބެޖުގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
މީގެއިތުރުން، އެކި ރޮނގުތަކުން މަތީ ދަރަޖަ ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު މި އަހަރު 57 ފަރާތަކުން ޙާޞިލުކުރެއެވެ. މި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޚާއްޞަ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ހަރުފަތް ކަމަށްވާ ލެވެލް 10 ގެ ސަނަދު ފާހަގަކޮށްލެވޭ ކާމިޔާބީއަކާއެކު ފުރިހަމަކުރެއްވި 6 ބޭފުޅުންނެވެ. އަދި ޑިގްރީން ފެށިގެން މާސްޓަރސް ފެންވަރުގެ ސަނަދުތައް ކަމުގައިވާ ލެވެލް 7، 8 އަދި 9 ން އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުންގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް ފަޚުރުވެރި ވަނައެއް ހޯދި އެއް ފަރާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...