މާލޭގެ ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ހުޅުއްވައިފި

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމަށް މާލޭ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، މިއަދު ހަވީރު މާފަންނުގައި ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުއްވައި ދެއްވައިފިއެވެ.
ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ލިބޭނެގޮތަށް ފަރުމާކުރެވިފައިވާ މި ސެންޓަރުން ޢާންމު ބަލިތަކަށް ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމުގެ އިންތިޒާމް ހަމަޖައްސާނެއެވެ. މީގެ އިތުރުން ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި ވެކްސިން ދިނުންފަދަ ޚިދުމަތްތައް ދެވޭނެއެވެ. ބަލިޖެހުމުގެ ކުރިން ދިފާޢުވުމަށް އިސްކަންދެއްވައި، ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސް މުއިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެއްކަން 2026 ވަނަ އަހަރުގެ ބަޖެޓުންވެސް ފާޅުވެއެވެ.
މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ހިންގާ މި ސެންޓަރުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ޙަވާލުކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން، މާލޭގައި އިތުރު 3 ސެންޓަރާއި ހުޅުމާލޭގައި 2 ސެންޓަރު ހިމެނޭގޮތަށް، މިފަދަ ޖުމްލަ 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


