ޚަބަރު

އަލިމަނިކު ދޫކޮށްލި ގޮތް ސާފުކޮށްދޭން އެދިއްޖެ


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ އަލިމަނިކު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލި ސަބަބު ސަރުކާރުން ހާމަނުކުރާތީ އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ހއ.މޮޅަދޫ/ބަހާރުގޭ ޢަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިޒަމްގެ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް އަދަބު ލުއިކޮށްދީ އޭނާ ދޫކޮށްލީ 2019 ގައެވެ.

މިކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މަޖިލީހަށް ފޮނުއްވި ސިޓީގައިވަނީ ޢަބްދުﷲ އަލިމަނިކު ދޫކޮށްލީ 2019 ގައިކަމަށް ވިޔަސް އެކަމާބެހޭ ރިޕޯޓް ކަރެކްޝަން ސަރވިސްއިން ހަދާފައިވަނީ 2021 ގައި ކަމަށެވެ. އަދި އެކަމާބެހޭ މައުލޫމާތު ހޯދަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމުން ވެސް ޖަވާބެއްދީފައިނުވާ ކަމަށް ޙަސަންގެ ސިޓީގައިވެއެވެ.

އެހެންވެ ޙަސަން އެދިވަޑައިގެންފައިވަނީ އެކަމުގައި ރައީސް އޮފީހުގެ ބަހެއް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށެވެ.

އަބްދުﷲ ޢަލި މަނިކަކީ 2007 ވަނަ އަހަރު އއ.ހިމަންދޫގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހާއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވުމުން 10 އަހަރަށް އޭނާ ޖަލަށްލިއެވެ. ނަމަވެސް އޭނާ ޖަލުން ފިލައިގެން ގޮސް ގދ.ތިނަދޫގައި ހުއްޓައި ފުލުހުން އޭނާ އަތުލައިގަތެވެ. އަތުލައިގަނެގެން މާލެ ގެނައި މަގުމަތީގައި ނަމާދުކޮށްލަން ދިން ފުރުަސަތުގައި ކަނޑަށް ފުންމައިލައިގެން ފިލަން މަސައްކަތްކުރިއެވެ. އޭގެފަހުން އޭނާ ފިލައިގެން ގޮސް ސިފަ ބަދަލުކޮށްގެން ކ.ތިލަފުށީގައި އުޅެނިކޮށް އަތުލައިގަތެވެ.

ޖޫން 2021 ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ހިމަންދޫ މައްސަލައިގައި ހައްޔަރުކުރި ގިނަ މީހުން އެކި ސަރުކާރުތަކުން ދޫކޮށްލައިފައިވާ ކަމަށެވެ. އެ ގޮތުން ޢަބްދުﷲ އަލިމަނިކު ވެސް ހުރީ ޝަރުތުތަކަކާއެކު ދޫކޮށްލައިފައި ކަމަށެވެ.

ހަމައެކަނި ޝަރުތަކަށް އޮތީ ހިމަންދުއަށް ދިޔުން މަނާކޮށްފައި ކަމަށާއި ނަމަވެސް އެ ޝަރުތުކޮށްފައި އޮއްވައި އޭނާ އެ ރަށަށް ދިއުމުން އަނެއްކާ ވެސް ހައްޔަރުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

“ޓެރަރިޒަމްގެ ކުށްތަކަކީ މާފުދެވޭނެ ކުށްތަކެއް ނޫން ގާނޫނުގައި އޮންނަ ގޮތުން. އެހެންނަމަވެސް ލުއިދެވޭ. އަޅުގަނޑު އެކަން ނިންމިއިރުގައި ޢަބްދުﷲ އަލިމަނިކުގެ އެ ހުކުމްގައި އޮތީ ބާކީ 08 މަސް ދުވަސް.“ ރައީސް އޭރު ވިދާޅުވިއެވެ.

އޭނާ އައީ އިތުރު ދައުވާތަކެއްގައި ހުކުމް ތަންފީޒުކުރަމުން ކަމަށާއި މި ސަރުކާރުން ކުރިހައި ވެސް ކަމަކީ އޭނާގެ ހުކުމްގެ ބާކީ އޮތް މުއްދަތު ތިންމަހަށް މަދުކޮށްދިނުން ކަމަށާއި އެ ގޮތަށް ނިންމީ ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ޢަބްދުﷲ އަލިމަނިކާ ބެހޭ ގޮތުން ކަރެކްޝަނުން އަޅުގަނޑުމެންނަށް ދީފައި އޮތް މައުލޫމާތަކީ އޭނާއަކީ މިހާރު އިސްލާހުވެ މުޖުތަމައުއަށް ނިކުންނަން ތައްޔާރުވެފައި ހުރި މީހެއްކަމަށް. އަދި އޭނައަކީ މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެވޭނެ މީހެއްކަމަށް ދެކޭކަމަށް.“

ރައީސް ވިދާޅުވީ އޭނާގެ ހުކުމުގެ ބާކީ އޮތް 08 މަސް ދުވަހުގެ ހުކުމް ތިން މަހަށް ކުރުކޮށްދެއްވީ އެ ހުރިހައި ކަމެއްގެ އަލީގައި ކަމަށެވެ. އަދި އޭނާ މިނިވަންވެގެން ދިޔައީ ދެން ހުރި ހުކުމްތައް ތަންފީޒުކޮށް ނިމިގެން ކަމަށެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ޢަބްދުﷲ މިހާރު ވެސް ހުރީ ބަންދުގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިިލި ވ.ތިނަދޫ/ހިޔާ, އަދުހަމް އަޙްމަދު ރަޝީދު ފިލުވައިދިނުމަށް އެހީތެރިވެފައެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ފެތުރުމުގެ އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close