މެންޗެސްޓަރ ޔުނައިޓެޑުގެ ހެޑް ކޯޗުގެ މަގާމުން މައިކަލް ކެރިކް ރަސްމީކޮށް ވަކިކޮށް، އެ މަގާމާ ހަވާލުވުމަށް އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާއެކު އެ ކްލަބުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ޔުނައިޓެޑުން ވަނީ ކެރިކް މަގާމުން ވަކިކުރިކަން އެ ކްލަބުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
ޔުނައިޓެޑުގެ ކޯޗުކަމުން ކެރިކް ވަކިކުރަން މެނޭޖްމަންޓުން ނިންމީ ޓީމުގެ ނަތީޖާތައް އިންތިހާއަށް ދަށަށް ދިއުމާ ގުޅިގެންނެވެ. އެގޮތުން އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. އަދި ޕްރިމިއަރ ލީގުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ 10 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުން ކަމަށްވާތީ، ކްލަބުން އުންމީދުކުރި މިސްރާބަށް ޓީމު ގެންގޮސްދިނުމުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ.
ކެރިކްގެ ބަދަލުގައި ޔުނައިޓެޑާ ހަވާލުވުމަށް އެއްބަސްވެފައިވާ އުމުރުން 54 އަހަރުގެ ޕޮޗެޓީނޯއަކީ ޕްރިމިއަރ ލީގުގެ ތަޖުރިބާކާރު ކޯޗެކެވެ. މީގެކުރިން ޓޮޓެންހަމް އަދި ޗެލްސީއަށް އިރުޝާދު ދިން ޕޮޗެޓީނޯ ވަނީ 2019 ވަނަ އަހަރު ޓޮޓެންހަމް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީ، ޕީއެސްޖީއާއެކު ފްރެންޗް ލީގު ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑާ ހަވާލުވުމަކީ ޕޮޗެޓީނޯވެސް ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
އެމެރިކާގެ ގައުމީ ޓީމާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް އެއްބަސްވުމެއް އޮތް ޕޮޗެޓީނޯ ޔުނައިޓެޑަށް ގެނައުމަށްޓަކައި، ކޮންޓްރެކްޓް ބާތިލުކުރުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނަށް ދައްކަން ޖެހޭނެއެވެ. މީގެއިތުރުން އޭނާގެ ކޯޗިން ޓީމުވެސް އޯލްޑް ޓްރެފޯޑަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި ބަދަލަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ވަނީ ބެލެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...