ޚަބަރު ދޮންބަންޑާރައިން ނިސްބަތްވާ ހުރާގައި، އިޖުތިމާއީ ގިނަ ހަރަކާތްތަކަކާއެކު ހުރަވީ ދުވަސް ފާހަގަކުރަނީ

ދޮންބަންޑާރައިން ނިސްބަތްވާ ހުރާގައި، އިޖުތިމާއީ ގިނަ ހަރަކާތްތަކަކާއެކު ހުރަވީ ދުވަސް ފާހަގަކުރަނީ

ދޮންބަންޑާރައިން ނިސްބަތްވާ ހުރާގައި، އިޖުތިމާއީ ގިނަ ހަރަކާތްތަކަކާއެކު ހުރަވީ ދުވަސް ފާހަގަކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުރަވީ ދުވަހުގެ ބަތޮލު ދޮންބަންޑާރައިން ނިސްބަތްވެވަޑައިގަންނަވާ ކ. ހުރާގައި، ރަސްމީ ޖަލްސާއާއި އިޖުތިމާއީ ގިނަ ހަރަކާތްތަކަކާއެކު މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރަން ފަށައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ހުރާ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން، ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު އެރަށުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ.

ރަސްމީ ޖަލްސާގެ އިތުރުން، ހުރާގެ ރައްޔިތުންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން އެރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމާއި، ސްކޫލް ދަރިވަރުންނަށް ޚާއްސަ ޑޮކިއުމެންޓްރީއެއް ދެއްކުމުގެ އިތުރުން، އިސްރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިފަދަ ގައުމީ ދުވަހެއް ފާހަގަކުރާއިރު ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަޚްލާގީ ރިވެތި ސިފަތައް ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ދިވެހި ގައުމު މިނިވަންކުރެއްވި ތާރީޚީ ހާދިސާގެ މައްޗަށްވެސް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުރާ ކައުންސިލްގެ ނައިބު ރައީސް ޔުޝްރިއްޔާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ހުރަވީ ދުވަހަކީ އެރަށުގެ ފަސްގަނޑާ ނުހަނު ބޮޑަށް ގުޅިފައިވާ ދުވަހެކެވެ. ދޮންބަންޑާރައިން ހުރާއަށް ނިސްބަތްވެވަޑައިގަތުމަކީ މުޅި ރަށަށް ލިބޭ ފަޚުރެއްކަން ފާހަގަކުރައްވައި، އެ ތާރީޚީ ހާދިސާއިން އިބްރަތް ހާސިލުކުރުމަށް ޔުޝްރިއްޔާ ގޮވާލެއްވިއެވެ.

ހުރަވީ ދުވަހާ ގުޅުވައިގެން ބޭއްވި ކުރެހުމުގެ މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުންވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތުން އެއްވަނަ މަލްކާ އާދަމް ނަޒީލް ހާސިލުކުރިއިރު، ދެވަނަ ލިބުނީ މަރިޔަމް އަޒްހާ ޝުޖާއުއަށެވެ. އަދި ތިންވަނަ ހާސިލުކުރީ އާމިނަތު ނަދުހާ ޝުޖާއުއެވެ.

މީގެއިތުރުން، ޖަލްސާގެ ޝަރަފުވެރި މެހެމާނު، ވަޒީރު ހީނާ ވަލީދަށް ހުރާ ކައުންސިލްގެ ފަރާތުން ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޓެގް

ހުރަވީދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.