
ބަޖެޓު ހުށަހެޅުމާއި ނަޝީދުގެ ގަރާރު ހިމަނައިގެން ރައްޔިތުންގެ މަޖިލިސްގެ 2 ޖަލްސާއެއް ބޭއްވުމަށް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ރައްޔިތުން މަޖިލިހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގޮތުގައި ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާގެ 9:00 ގައެވެ. ހެދުނުގެ މި ޖަލްސާއަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމެވެ.
ރައްޔިތުން މަޖިލިސްގެ މާދަމާގެ 2 ވަނަ ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ މާދަމާ ހެނދުނު 11 ޖަހާއިރުއެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރާ މެދުގައި ގޮތެއް ނިންމުމެވެ.
މާދަމާއަށް ތާވަލުކޮށްފައިވާ ދެވަނަ ޖަލްސާ އަށް ރައީސް ނަޝީދުގެ ގަރާރުގެ މައްސަލަ އެޖެންޑާ ކުރިއިރު، އެމްޑީޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިންމާ މަޖިލިހުގެ ތަޅުމުގައި އިތުރު މައްސަލައެއް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.
މިއަދު ބޭއްވުނު މަޖުލިސްގެ ދެ ޖަލްސާއަކަށްވެސް މަޖުލިސްގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިފައިވާ އިރު ހެދުނުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލިފުށި ދާއިރާގެ މެމްބަރ ހަސަން އަފީފުވަނީ ނަޝީދުގެ ޤަރާރަކީ މަޖިލިސްގައި ކުރިއަށް ގެންދެވެން ނެތް ގަރާރެއް ކަމަށްބުނެ މަޖުލިސްއިން އެ ޤަރާރު ބޭރުކޯށްލިކަން އިޢުލާން ކުރައްވާފައެވެ. އަދި 11.30 ގައި ބޭއްވުނު މަޖިލިސްގެ މިއަދުގެ ދެވަނަ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލިސްގެ ނައިބު ރައީސް އީވާވެސް ވަނީ އެ ގަރާރު ކުރީގެ ޖަލްސާގައި ބޭރުކޮށްލައިފައި ވަތީވެ މަޖިލިސްގައި ދެން އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މަޖުލިސް ނިންމަވާ ލައްވާފައެވެ.
މަދަމާއަށް ތާވަލުކުރެވިފައިވާ ދެވަނަ ޖަލްސާއަށް އަލުން އަބުރާ މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރެވުނީ ކީއްވެގެންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

