ޚަބަރު

ދިއްލީގެ ރެޑް ފޯޓް ކައިރީގައި އެއްޗެއް ގޮވައި މަރުވި މީހުންގެ އަދަދު 13 އަށް

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ތާރީޚީ ބިނާ ރެޑް ފޯޓް ކައިރީގައި ބާރުގަދަ ގޮވުމެއް ހިނގައި، މަދުވެގެން 13 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން މުޅި ސިޓީގައި ވަނީ ހައި އެލާޓެއް ނެރެފައެވެ.
ހޯމަ ދުވަހު (މިއަދު)ގެ ހަވީރުގެ ވަގުތެއްގައި، ރެޑް ފޯޓްގެ ގޭޓް ނަންބަރު 1 ކައިރީގައި މަޑުކޮށްލި ކާރެއް ގޮވައިގެން މި ހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް 6:52 ގައި ކަމަށް ދިއްލީގެ ފުލުހުންގެ ކޮމިޝަނަރު ސަތީޝް ގޯލްޗާ ވިދާޅުވިއެވެ. މި ގޮވުމުގެ ސަބަބުން ކައިރީގައި ހުރި 3 ނުވަތަ 4 އުޅަނދެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ރެޑް ލައިޓެއްގައި ލަސްލަހުން ދުއްވާފައި ދިޔަ ކާރެއް ކުއްލިއަކަށް ގޮވީ ކަމަށެވެ. މި ގޮވުމުގެ އަޑު ވަރަށް ބާރު ކަމަށާއި، ކައިރީގައި ހުރި އިމާރާތްތަކުގެ ދޮރުތައް ވެސް ހެލިގެން ދިޔަ ކަމަށް ހާދިސާ ދުށް މީހުން ބުނެއެވެ.

އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ ރާޖްދަރު ޕާންޑޭ ނަމަކަށް ކިޔާ މީހަކު އޭއެންއައި ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ގެއިން އަލިފާން ފެނިގެން ދިޔަ ކަމަށާއި، ގޮވުމުގެ ސަބަބުން އޭނާގެ ގެއިން ވެސް ބިއްލޫރިތައް ހެލިގެން ދިޔަ ކަމަށެވެ. އަދި އެހެން މީހަކު ބުނީ، މަގުމަތީގައި މީހުންގެ ހަށިގަނޑުގެ ބައިތައް ބުރައިގެން ގޮސްފައި ހުރި މަންޒަރު ފެނުނު ކަމަށާއި، އެތައް ކާރަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ދިއްލީ ފަޔަރ ޑިޕާޓްމަންޓަށް ލިބުނީ ގާތްގަނޑަކަށް 6:55 ގައި ކަމަށާއި، އަލިފާން ނިއްވުމަށް 7 ފަޔަރ ޓެންޑަރާއި 15 އެމްބިއުލާންސް ވަގުތުން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަނިޔާވި މީހުން ވަނީ އެލްއެންޖޭޕީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗް ވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އެޖެންސީތަކުން ގުޅިގެން ތަހުގީގު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ގޮވުމުގެ ސަބަބު ދެނެގަތުމަށް ފޮރެންސިކް ޓީމުތަކުން ހާދިސާ ހިނގި ސަރަހައްދު ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ދިއްލީގެ އިތުރުން ބިހާރު، ޗަންޑިގަޅު، އުއްތަރު ޕްރަދޭޝް އަދި އުއްތަރާކަންޑް ފަދަ ސްޓޭޓްތަކުގައި ވެސް ވަނީ ހައި އެލާޓެއް ނެރެފައެވެ. ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، އާންމު ދަތުރުފަތުރު ހުއްޓާލާފައެވެ.
މި ހާދިސާ ހިނގާފައިވާ ދިއްލީގެ ރެޑް ފޯޓަކީ، މުޣަލް ރަސްކަމުގެ ދުވަސްވަރުގެ ތާރީޚީ އަދި މުހިންމު ބިނާއެކެވެ. މިއީ އިންޑިއާގެ ސިޔާސީ އަދި ސަގާފީ ގޮތުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވޭ ތަނެކެވެ. މި ތަނަކީ އިންޑިއާގެ ބޮޑުވަޒީރު ކޮންމެ އަހަރެއްގެ މިނިވަން ދުވަހު ގައުމާ މުޚާތަބުކުރައްވާ ތަނެވެ.

މިފަދަ މުހިންމު ތަނެއް ކައިރީގައި މިފަދަ ހާދިސާއެއް ހިނގުމަކީ، ދިއްލީގެ ސަލާމަތީ ކަންކަމަށް އޮތް ނުރައްކާ އަލުން ހަނދާންކޮށްދޭ ކަމެކެވެ. މީގެ ކުރިން ވެސް، 2000 ވަނަ އަހަރު ލަޝްކަރީ ތައްޔިބާ ޖަމާއަތުން ރެޑް ފޯޓަށް ހަމަލާދީފައިވެއެވެ.

މި ހާދިސާއަކީ، އިންޑިއާގެ ވެރިރަށް ކަމުގައިވާ ދިއްލީގައި ހަމަލާތައް ދިނުމުގެ ނުރައްކާ އަބަދުވެސް އޮންނަ ކަމުގެ ހެއްކެކެވެ. އަދި މިފަދަ ހާދިސާތަކަށްފަހު، އިންޑިއާގެ އެކި ސްޓޭޓްތަކުގައި ހައި އެލާޓް ނެރެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަކީ އާންމުކޮށް ކުރާކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close