އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އުޅަނބޮއްޓާ ހަމަޔަށް ތިޔަބައިމީހުންގެ އަތްތައް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޮލުގައި ފެންފުހޭށެވެ! އަދި ފުންނާބާ ހަމަޔަށް ތިޔަބައިމީހުންގެ ފައިތައް ދޮންނާށެވެ!" - (އަލްމާއިދާ: 6)
އިސްލާމްދީން ބާރުއަޅަނީ ހަށިގަނޑު ތާހިރުކޮށް ބެހެއްޓުމަށެވެ. އެއީ އެކަމުގެ ސަބަބުން އަހަރެމެންގެ ރޫހާނިއްޔަތު ވަރުގަދަވެ، ހުރިހާ ތަކެއްޗެއް އުފެއްދެވި މަތިވެރި އިލާހާ ކުއްތަންވުމަށް މަގުފަހިވާތީއެވެ.
ހުރިހާ މުސްލިމުންވެސް ނަމާދުކުރުމުގެ ކުރިންނާއި ގުރުއާން ކިޔެވުމުގެ ކުރިން ވުޟޫކުރެއެވެ. ވުޟޫކުރުމަކީ އަތްފައި، އަނގަ، ނޭފަތް، ކަންފަތް އަދި މޫނު ފަދަ ގުނަވަންތައް ދޮވެ ތާހިރުކުރެވިގެންދާ ޢަމަލެކެވެ. ވުޟޫކުރުމުން ހަށިގަނޑު ތާހިރުވުމުގެ އިތުރުން، އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިންތިހާއަށް ފައިދާކުރެއެވެ.
މުސްލިމުންގެ ގޮތުގައި ތިބެ ވުޟޫކުރުމުގެ މުހިންމުކަން ހާމަކޮށްދޭ، ސިއްހީ ގޮތުން ސާބިތުވެފައިވާ ބައެއް ފައިދާތައް ތިރީގައި މިވަނީއެވެ:
1. މާޔޫސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދިނުން
އަހަރެމެންގެ ދީނުގައި ވުޟޫކުރުމަކީ، ހާއްސަކޮށް ނަފްސާނީ ބަލިތަކާއި މާޔޫސްކަން ތަހައްމަލުކުރާ މީހުންނަށް އޮތް ފަރުވާއެކެވެ. މިއަދު ސިއްޙީ މާހިރުންވެސް ނިދުމުގެ ކުރިން ވުޟޫކުރުމަށް ބާރުއަޅައެވެ. އެއީ އޭގެ ސަބަބުން ސިކުނޑިއަށާއި ހަށިގަނޑަށް އަރާމު ލިބި، އަރާމު ނިންޖެއް ލިބުމަށް އެހީތެރިވެދޭތީއެވެ.
2. ހަންގަނޑު ތާޒާކޮށް ޒުވާންކޮށް ބެހެއްޓުން
ވުޟޫކުރުމުގެ ސަބަބުން ވަރުބަލިކަން ފިލައި، ހަށިގަނޑުގައި އުފެދޭ ތެލާއި ދަލާއި ހިރަފުސް ސާފުވެ، ހަންގަނޑު ތާޒާކޮށްދެއެވެ.
3. އަނގައިގެ ސާފުތާހިރުކަން ދެމެހެއްޓުން
ވުޟޫކުރުމުގެ ތެރޭގައި އަނގަ ދޮވުމުން ދަތްތަކާއި، ދުލާއި، ހިރުގަނޑުގައި ހަރުލާފައި ހުންނަ ކާތަކެތި ސާފުވެ، އަނގައިގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން މޫނުގެ މަސްތައް ވަރުގަދަކޮށްދީ، އަނގައިންް ނުބައިވަސް ދުވުމުން ދުރުކޮށްދެއެވެ.
4. ޖަރާސީމު ހަށިގަނޑަށް ވަނުން ހުއްޓުވުން
ވުޟޫކުރާއިރު ނޭފަތަށް ފެންލައި ސާފުކުރުމުގެ ސަބަބުން، ނޭފަތުގެ ތެރޭގައި ހަރުލާފައި ހުންނަ ޖަރާސީމުތައް ނެތިގޮސް، އެ ތަކެތި ހަށިގަނޑުގެ އެތެރެއަށް ދަތުރުކުރުން ހުއްޓުވައިދެއެވެ.
5. ކަންފަތުގެ ސާފުތާހިރުކަން
ވުޟޫކުރާއިރު ކަންފަތުގެ އެތެރެއާއި ބޭރުގައި ފެންފުހުމުގެ ސަބަބުން، ކަންފަތުގައި މާބޮޑަށް ކިލާ ހަރުލުން ހުއްޓުވައިދީ، ކަންފަތުގެ އިންފެކްޝަންތަކުން ސަލާމަތްކޮށްދެއެވެ.
6. ފޮރުވިފައިވާ ބެކްޓީރިއާތައް ނައްތާލުން
އަތްފައިގެ އިނގިލިތަކުގެ ދޭތެރެ ދޮވުމުގެ ސަބަބުން، އާންމުކޮށް ސާފުނުކޮށް ފޮރުވިފައި ހުންނަ ޖަރާސީމުތަކާއި ބެކްޓީރިއާތައް ނެތިދެއެވެ.
7. ލޭގެ ދައުރުވުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުވުން
އުޅަނބޮށި ހިމެނޭ ސަރަހައްދަކީ ސިކުނޑިއާއި، ހިތާއި، ފުރަމޭއާ ގުޅިފައިވާ މުހިންމު ތިން ނާރެއް ހިނގާ ސަރަހައްދެކެވެ. އެހެންކަމުން އެތަންތަން ދޮވުމުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ހަށިގަނޑަށް ބާރު ލިބިދެއެވެ.
މުސްލިމަކު ވުޟޫކުރުމުން ލިބޭ ސިއްހީ ފައިދާތަކުގެ އިތުރުން ލިބޭ އެހެނިހެން ބައެއް ފައިދާތަކުގެ ތެރޭގައި:
ވުޟޫކުރުމުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: މުސްލިމަކު ވުޟޫކުރާއިރު އޭނާގެ މޫނު ދޮވުމުން، ލޮލުން ކުރެވިފައިވާ ކޮންމެ ފާފައެއް ފެނާއެކު ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާއެކު ފުހެވިގެންދެއެވެ. އަދި އޭނާގެ ދެއަތް ދޮވުމުން، އެ ދެއަތުން ކުރެވިފައިވާ ކޮންމެ ފާފައެއް ފެނާއެކު ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާއެކު ފުހެވިގެންދެއެވެ. ހަމައެފަދައިން، އޭނާގެ ދެފައި ދޮވުމުން، އެ ދެފައިން ހިނގައިގެން ކުރެވިފައިވާ ކޮންމެ ފާފައެއް ފެނާއެކު ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާއެކު ފުހެވިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، އޭނާ ވުޟޫކޮށް ނިމޭއިރު ހުންނާނީ ހުރިހާ ފާފަތަކަކުން ތާހިރުވެފައެވެ. (މުސްލިމް)
ވުޟޫގެ ސަބަބުން ހަށިގަނޑު ސާފުތާހިރުވެއެވެ.
ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. ދުވާލަކު ފަސް ފަހަރު ވުޟޫކުރުމަކީ އަޅުގަނޑުމެން ސާފުތާހިރުކަންމަތީ ދެމިތިބުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް މިސްކިތަށް ދާއިރު ފައި ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ފައިން ނުބައިވަސް ދުވާނަމަ، އެކަމުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވެ، ޖަމާޢަތަށް ނައުމަށް މެދުވެރިވެދާނެތީއެވެ. ދުވާލަކު ތިން ފަހަރު ނުވަތަ ފަސް ފަހަރު ފައި ދޮވުމުން ނުބައިވަސް ދުވުމުން ރައްކާތެރިކޮށްދެއެވެ. މިސްކިތްތަކަކީ ސާފުތާހިރު އަދި މީރުވަސްދުވާ ތަންތަނުގެ ގޮތުގައި ބެހެއްޓުމަކީ، މީހުން މިސްކިތަށް ދިއުމަށް ލިބޭ ހިތްވަރަކަށް ވާނެއެވެ. މީހުން މިސްކިތަށް ނައުމަށް މެދުވެރިވާ ސަބަބަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ.
ޤިޔާމަތްދުވަހުން ވުޟޫގެ ގުނަވަންތައް ދިއްލިފައި ހުންނާނެއެވެ.
ޤިޔާމަތްދުވަހުން ވުޟޫކުރާ ގުނަވަންތައް ދިއްލިފައި ހުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށް އެކަލޭގެފާނުގެ އުންމަތުގެ މީހުން އެ ނިޝާނުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެތީއެވެ.
ވުޟޫއަކީ ނަމާދުގެ ތަޅުދަނޑިއެވެ. އަދި ނަމާދަކީ ސުވަރުގޭގެ ތަޅުދަނޑިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...