ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ވަފުދަށް ހދ އަތޮޅުން ތަފާތު މަރުހަބާއެއް

ހދ.އަތޮޅުގެ ހާލަތު ބައްލަވާލައްވަން ޓޫރިޒަމް މިނިސްޓްރީގެ ވަފުދެއް އެ އަތޮޅަށް ވަޑައިގަތުމުން ވަރަށް ތަފާތު ގޮތަކަށް މަރުޙަބާ ކިޔައިފިއެވެ.

މި ވަފްދުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މި ވަފްދުގެ ބޭފުޅުން މިއަދު ވަނީ ހދ.ނެއްލައިދޫ އަށް ޒިޔާރަތް ކުރައްވާފަ އެވެ.

ނެއްލައިދޫ އަށް ޒިޔާރަތް ކުރުމުން އެ ރަށުގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދުގައި ވަފުދުގެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން ހދ.ގައި ޓޫރިޒަމްގެ ހާލަތު އޮތް ގޮތް ތަފާތު އެކި ޝުއޫރުތަކުންނާއި އެހެން ގޮތްގޮތުން ވަފްދުގެ ބޭފުޅުންނަށް ދައްކާލާފަ އެވެ. އެގޮތުން ބަނދަރު ސަރަހައްދުގައި ވަނީ “ޓޫރިޒަމް ނެތް ހދ. އަށް މަރުހަބާ” ލިޔެފައިވާ ބެނާއެއް ދަމާފަ އެވެ. އަދި “ޓޫރިޒަމަށް 50 އަހަރު ހދ އަށް އަންނަ އަހަރު!! މީ ހދ. ގެ ހައްޤު މިންވަރު؟ ލިޔެފައިވާ ބެނާއެއް ވެސް ދަމާފައިވެ އެވެ.

މީގެއިތުރުން ވެސް ޓޫރިޒަމާއި ގުޅޭ ތަފާތު އެކި ހަރަކާތްތައް ބަނދަރު މަތީ ސަރަހައްދުގައި ނެއްލައިދޫގެ ޒުވާނުން ވަނީ ދައްކާލާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަނީ ހދ.އަތޮޅުގެ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި ކަމެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވީއިރުވެސް އެއަތޮޅުގައި ޓޫރިޒަމްގެ އެއްވެސް މިންވަރެއްނެތުމަކީ އެއަތޮޅުގެ ރައްޔިތުން ކެނޑިނޭޅި ސަކުވާ ކުރަމުންދާ ކަމެކެވެ.

މިނިސްޓްރީގެ ވަފުދުގެ ބޭފުޅުންގެ މި ދަތުރަކީ ހދ. ގައި ޓޫރިޒަމާ ގުޅޭ ހުރި ފުރުސަތުތައް ދެނެގަތުމަށް ކުރާ ދަތުރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close