ޚަބަރު ނުދައްކާ ހުރި 7 ބިލިއަންގެ ބިލްތައް ދައްކަން ބަޖެޓުގައި ފައިސާއެއް ނެތް: އޮޑިޓަރ ޖެނެރަލް

ނުދައްކާ ހުރި 7 ބިލިއަންގެ ބިލްތައް ދައްކަން ބަޖެޓުގައި ފައިސާއެއް ނެތް: އޮޑިޓަރ ޖެނެރަލް

ނުދައްކާ ހުރި 7 ބިލިއަންގެ ބިލްތައް ދައްކަން ބަޖެޓުގައި ފައިސާއެއް ނެތް: އޮޑިޓަރ ޖެނެރަލް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދައުލަތުން އެކި ފަރާތްތަކަށް އަދާކުރަންޖެހި ނުދެއްކި ހުރި ބިލުތަކުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެ ފައިސާ ދެއްކުމަށް ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓުގައި ފައިސާ ކަނޑައަޅާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި އަދަދު ފެންނަން އޮތް ނަމަވެސް، އެ ބިލްތައް ދެއްކުމަށް ބަޖެޓުގައި ޖާގަ ހަމަޖައްސާފައި ނުވާކަން ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި ފައިސާ ދެއްކޭނެ ގޮތެއް އެ ވުޒާރާއިން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން 22 ބިލިއަނެއްހާ ރުފިޔާ ނުލިބި އެބައޮތް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ވިޔަފާރިތަކުން ޓެކްސް ނުދެއްކުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން އެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވުން ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.

ދައުލަތުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ޚާއްޞަ ލުއި އުޞޫލަކަށް ޢަމަލުކުރަން ފަށާފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ، އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ތެރެއިން އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި އިންތިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ދައްކަންޖެހޭ ޓެކްސް އަދަދަށްވުރެ ސަރުކާރުން ލިބެންޖެހޭ ފައިސާ އިތުރުވާނަމަ، ޓެކްސް ކެނޑުމަށްފަހު ބާކީ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓެގް

އޮޑިޓަރޖެނެރަލް މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.