ކުޅިވަރު

ދެން އޮތީ އަހަރެންގެ އެންމެފަހުގެ ވޯލްޑްކަޕް: ރޮނާލްޑޯ

އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް  ޕޯޗުގަލް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ނަމަވެސް، ފުޓްބޯޅައިން ރިޓަޔާކުރާނެ ދުވަހެއް އަދި ޔަގީންނުވާ ކަމަށް އޭނާ ހާމަކުރިއެވެ.

ރޮނަލްޑޯ މިފަދައިން ބުނެފައިވާ އިރު އުމުރުން 40 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ޕޯޗުގަލް އަށް އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކޮށްދީފައެވެ.

ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރުގައި ކްލަބާއި ގައުމީ ޓީމަށް 950 ގޯލު ޖަހާފައިވާއިރު، ޕޯޗުގަލްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އޭނާ ފާހަގަކުރި ގޮތުގައި، ފުޓްބޯޅައިގައި 25 އަހަރު ހޭދަކޮށް ގިނަ ރެކޯޑުތަކެއް ގައުމީ ޓީމާއި ކްލަބްތަކުގައި ހަދާފައިވެއެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކުޅެފިނަމަ، އެ ވެގެންދާނީ އޭނާގެ ހަ ވަނަ ވޯލްޑް ކަޕަށެވެ.

މިހާރު ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައިވެއެވެ. އޭނާ ބުނީ ފުޓްބޯޅައިގައި މިހާރު ހިތްހަމަޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި، މި އުމުރުގައިވެސް މަތީ ފަންތީގައި ޝައުގުވެރިކަން ދަމަހައްޓައިގެން މޮޅު ކެރިއަރެއް ކުރިއަށްގެންދާން ބޭނުންވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close