ދުނިޔޭގެ އެކި ބައްރުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާ ފުޅާކުރުމުގެ މުހިންމު ސިޔާސަތުގެ ދަށުން އެފްރިކާ ބައްރުގެ ހަތް ގައުމަކާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް އެބައަންދެއެވެ.
ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދުނިޔޭގެ 187 ގައުމަކާއެކު މިހާތަނަށް ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފައިވީ ނަމަވެސް، މިހާތަނަށް ސިޔާސީ ގުޅުން ގާއިމުވެފައި ނެތް ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް މޫނަކީ ދިވެހި ރައްޔިތުންނަށް އެކަމުގެ ސީދާ މަންފާއާއި ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ. އެގޮތުން، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އަދި ދިރިއުޅެމުންދާ ސްރީލަންކާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އެދެވޭ ހައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން އެކަމަނާ އެނގުއްވިއެވެ.
އެގޮތުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޑިޕެންޑެންޓް ވިސާއާއި، މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ވިސާގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު އެދެވޭ މަޝްވަރާތަކެއް ކުރެވިފައިވާކަން ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް އިޤްތިޞާދީ އިންވެސްޓްމަންޓްތައް ގެނައުމާއި، ފަތުރުވެރިކަމާއި، ތިމާވެށި އަދި ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ ދާއިރާއިން ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ބޭރުގެ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާކަން ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...