ޚަބަރު ޓީޗަރުންގެ ފަންނީ ތަރައްޤީއަށް އަންނަ އަހަރު ކޮމްޕިއުޓަރު ސިސްޓަމް ދެނީ

ޓީޗަރުންގެ ފަންނީ ތަރައްޤީއަށް އަންނަ އަހަރު ކޮމްޕިއުޓަރު ސިސްޓަމް ދެނީ

ޓީޗަރުންގެ ފަންނީ ތަރައްޤީއަށް އަންނަ އަހަރު ކޮމްޕިއުޓަރު ސިސްޓަމް ދެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާއިރު، ޓީޗަރުންގެ މަސައްކަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ކޮމްޕިއުޓަރު ސިސްޓަމް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޓީޗަރުންނަށް ކޮމްޕިއުޓަރު ސިސްޓަމްތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ޢަމަލީ ފިޔަވަޅުތައް އަންނަ އަހަރުގެ ތެރޭގައި އެޅިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޚާއްޞަ އިސްކަމެއް ދީފައިވާ ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޓީޗަރުންގެ ބޮޑު އާބާދީއަކީ އަންހެނުން ކަމަށްވުމުން ގޭތެރޭގެ ޒިންމާތަކާއި ދަރިން ބެލުމުގެ ކަންކަން އުފުލަންޖެހޭ މިންވަރު އިތުރުވާ ކަމަށެވެ. އެހެންކަމުން ސްކޫލުތަކުގައި މަސައްކަތްކުރާ ވަގުތު ކުޑަކުރުމަށާއި، ހުކުރު ދުވަސްތަކުގައި މުދައްރިސުން ނުކުންނަންޖެހޭ މިންވަރު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މި ދައުރުގެ ތެރޭގައި މުދައްރިސުންނަށް އެންމެ ގިނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކާއި ތަމްރީނުތައް ހިންގިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން، މުޅިން އަލަށް ސްކޫލްތަކުގެ އެޑްމިން އޮފިސަރުންނާއި ލީޑިންގ ޓީޗަރުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގެ އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ތެރެއިން ދެކުނުގެ ޕްރޮގްރާމްތައް ނިންމުމަށްފަހު، އުތުރުގެ ހއ، ހދ، އަދި ށ. އަތޮޅުގެ ލީޑިންގ ޓީޗަރުންނަށް ކުޅުދުއްފުށީގައި ބޭއްވި ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލެވިފައެވެ. ވަޒީރު ވިދާޅވި ގޮތުގައި މިފަދަ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ މުދައްރިސުންގެ އަގުވަޒަންކޮށް، އުފާވެރި އަދި ހިތްހަމަޖެހޭ ކިޔަވައިދިނުމުގެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.