ރައްޔިތުންގެ ކަރާމާތާއި ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލަކާއި، ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅައި ތަންފީޒުކުރުމާ ބެހޭ ހަރުދަނާ އުސޫލުތަކެއް އެކުލެވޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ތައާރަފްކޮށްފިއެވެ.
މި ދެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި އަބުރުގެ ބިލުގެ އަމާޒަކީ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ތެރެއިން އެހެން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވުމެވެ. މި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ގެއްލުން ލިބޭ މީހާއަށް ރައްދު ދިނުމާއި، އާންމުކޮށް މާފަށް އެދުމުގެ ފުރުސަތު ދިނުމުގެ އިތުރުން މާލީ ބަދަލު ނަގައިދެވޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބާ ބެހޭ ބިލަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން މިފަދަ އަދަބެއް ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ބިލެކެވެ. މަރުގެ އަދަބު ތަންފީޒުކުރެވޭނީ ކޯޓުގެ އެންމެ މަތީ މަރުހަލާއިން މައްސަލަ ނިމި، ހުރިހާ ވާރިސުންގެ ރުހުން ލިބިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، ކުށްވެރިޔާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމާއި، އަދަބު ތަންފީޒުކުރުން ހުއްޓުވޭނެ ހާލަތްތައް ވެސް މި ބިލުން ވަނީ ސާފުކޮށްދީފައެވެ.
މި ދެ ބިލާއެކު ރާއްޖޭގެ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، މަޖިލީހުގެ ތަޅުމުގައި މި ބިލުތަކުގެ ބަހުސް ވަރަށް އަވަހަށް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...