އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އީރާނަށް އަލުން ޙަމަލާދީފާނެކަމުގެ ބިރު ބޮޑުވެފައިވަނިކޮށް، ހަނގުރާމައިގެ ނުރައްކަލުން ނުކުމެވޭނެ މަގުތަކާ މެދު އީރާނުގެ މަންދޫބުން ޤަޠަރުގެ މެދުވެރިންނާއެކު ދޯހާގައި މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާގެ ކޮންގްރެސްގެ ދެގެއިން ރިޕަބްލިކަން ޕާޓީއަށް އޮތް ކުޑަ އަޣްލަބިއްޔަތު ދެމެހެއްޓޭނެތޯ ބަލަން ބާއްވާ އިންތިޚާބަށްފަހު އަސްކަރީ ޙަރަކާތްތައް ފަށާފާނެކަމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ބުނީ އީރާނަށް އަލުން ޙަމަލާދިނުމާމެދު ޑޮނަލްޑް ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެމެރިކާއިން އިސްކަންދެނީ ދިމާވެފައިވާ މައްސަލަތައް ޚާރިޖީ މުޢާމަލާތްތަކުގެ ތެރެއިން ޙައްލުކުރުމަށް ކަމަށެވެ. އަދި މަޝްރަޙު ޙައްލުކުރަން އަސްކަރީ ފިޔަވަޅެއް އަޅަންޖެހިއްޖެ ނަމަ އެކަން ކުރުމުގެ ފުރިހަމަ ޤާބިލުކަން އެމެރިކާއަށް ލިބިގެންވާކަމުގެ އިޢުތިބާރު ޓްރަމްޕްގެ ހުރިކަންވެސް ރުބިއޯ ފާހަގަކުރިއެވެ.
ދޯހާގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ ކުރިން، އީރާނާއި ޤަޠަރުގެ މަންދޫބުންގެ މެދުގައި ތެހެރާނުގައި 12 ގަޑިއިރަށްވުރެ ދިގު މަޝްވަރާތަކެއް ބާއްވާފައިވެއެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާގޮތުގައި މި މަޝްވަރާތައް ކުރިއަށްދަނީ ވޮޝިންގްޓަނާއެކު ގުޅުން ބަހައްޓައިގެންނެވެ. ސަރަޙައްދީ ޤައުމުތަކުން ލަފާކުރާގޮތުގައި އިންތިޚާބުގެ ވޯޓުލުން ނިމުމާއެކު އެމެރިކާއިން އަލުން ޙަމަލާތައް ފަށާނެއެވެ.
އެމެރިކާއިން އަލުން ޙަމަލާއެއް ދީފިނަމަ، އަވަށްޓެރި ޤައުމުތަކުގައިވާ އެމެރިކާއާއި އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފައިވެއެވެ. އީރާނުގެ ރޫޙީ ލީޑަރު އަޔާތުއްލާ މުޖްތަބާ ޚާމަނާއީ އަމުރުކުރައްވާފައިވަނީ ކޮންމެ ފަދަ ޙަމަލާއަކަށްވެސް ވަގުތުން ރައްދުދިނުމަށް އަސްކަރިއްޔާ ތައްޔާރަށް އޮތުމަށެވެ. ހަނގުރާމަ ފެށުނުކޮޅު އަވަހާރަކޮށްލެވުނު އޭނާގެ ބައްޕާފުޅުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިނުގަންނަވާ މުޖްތަބާ ޚާމަނާއީ ވިދާޅުވީ، ކޮންމެ މިންވަރެއްގެ ނުރައްކަލަކަށްވެސް ޖޯގްރަފީގެ އިމެއް ނެތި ވަގުތުން ވަރުގަދަ ރައްދެއް ދެވޭނެ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޚަލީޖު ކަނޑުގެ ސަރަޙައްދާއި، ހުރުމުޒު ކަނޑުއޮޅިއާއި، އޮމާން ކަނޑުގެ ސަރަޙައްދުގެ އިތުރުން އުތުރުއަނދޮޅާއި ދެކުނުއަނދޮޅު އިމުގައި އަސްކަރީ ތައްޔާރީތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރެޒާއީ ބުނީ، ހަނގުރާމަ އަލުން ފެށިއްޖެނަމަ ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް އީރާނުން ހަދާފައިވާ ޤާނޫނު އުވާލުމާ މެދު މަޝްވަރާކުރަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް އަދި ނުނިންމާ ކަމަށާއި، އެމެރިކާއިން އީރާނުގެ ޝަރުޠުތައް ޤަބޫލުނުކުރަނީސް ނިއުކްލިއަރ މައްސަލައިގައި މަޝްވަރާ ނުކުރެވޭނެ ކަމަށްވެސް ރެޒާއީ ބުންޏެވެ.
އެޓްލާންޓާގައި ބޭއްވި ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރުބިއޯ ބުނީ، ޤަޠަރުގައި ކުރިއަށްދާ މަޝްވަރާތަކަށް ވަކި ސުންގަޑިއެއް ކަނޑައަޅަން ބޭނުންނުވާ ކަމަށާއި، ސީދާކޮށް އަދި ނުސީދާކޮށްވެސް އީރާނާއެކު ވާހަކަތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިސްރާއީލާއެކު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ތާއީދުކޮށް، ހަނގުރާމަ ނިންމާލުމަށް އޭނާ ވެރިކަމުގައި ބެހެއްޓުމަށް ގޮވާލާފައެވެ. އަނެއްކޮޅުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ މަޝްވަރާތައް އަލުން ފެށިދާނެތޯ ބެލުމަށް ރެޒާއީއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް ޓްރަމްޕް ބުނީ އެ ސިޓީއަކީ އީރާނަށް މެޑިކަލް ސާމާނު އެތެރެކުރުމުގެ ހުއްދަ ދިނުމާ މެދު މަޝްވަރާކުރަން ފޮނުވި ސިޓީއެއް ކަމަށެވެ.
ޤަޠަރުން ވަނީ ދެޤައުމުގެ މެދުގައި އިޢުތިބާރު ޤާއިމުކުރުމަށް ހަފްތާއެއްގެ ދުވަހުގެ މަގުޗާޓެއް ހުށަހަޅާފައެވެ. ނަމަވެސް އީރާނުގެ އިސް އޮފިޝަލަކު ބުނީ އެ ހުށަހެޅުން އީރާނަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އީރާނުން ސެޕްޓެމްބަރު މަހުން ފެށިގެން ހުށަހަޅަމުންދާ ހުށަހެޅުމުގައިވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ފައިސާ ދޫކޮށް، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމުން ކަނޑުއޮޅި އަލުން ހުޅުވާލުމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ހުށަހެޅުން ރައްދުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާޤްޗީ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ވެންސް ފޮނުވި ސިޓީ ދިރާސާކުރަމުންދާ ކަމަށާއި، ކަނޑުއޮޅި އަލުން ހުޅުވާލުމަށް އޮތް ހަމައެކަނި ހުށަހެޅުމަކީ އީރާނުގެ ހުށަހެޅުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...