ޚަބަރު

”ގެދޮރުވެރިޔާ“ މަޝްރޫއުތަކުގެ ފްލެޓުތައް ރައީސް ސޯލިޙުގެ ދައުރު ނިމުމުގެ ކުރިން ހަވާލުކުރާނަން: ހައުސިން މިނިސްޓްރީ


ރައީސް އިބްރާހިމް ސޯލިހްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ފަށައިގެން ކުރިއަށްގެންދާ ”ގެދޮރުވެރިޔާ“ މަޝްރޫއުތަކުގެ ފްލެޓުތައް އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފި އެވެ.
މާލޭ ސަރަހައްދުގައި މި ސަރުކާރުން ހިންގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މީޑިއާތަކަށް ދައްކާލުމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ބޭއްވި މީޑިއާ ޓުއާގައި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، އަންނަ އަހަރު މޭ މަހުގެ ތެރޭގައި ބައެއް ޓަވަރުތައް ނިންމާ މީހުން ވެއްދޭނެކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދޭ ކަމަށެވެ.

”ދައުރު ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ހަވާލުކުރަން ފެށޭނެކަން ޔަގީން، “ އާރިފް ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ހިންގާ ”ގެދޮރުވެރިޔާ“ ސްކީމުގެ 4000 ފްލެޓު މަސައްކަތް ކުރަމުންދަނީ، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި، އެންބީސީސީ ކުންފުނިން ނެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލުކޮށްފައިވަނީ 2،000 ޔުނިޓު، 137 މިލިއަން ޑޮލަރަށް
އެންބީސީސީ އާއި ހަވާލުކޮށްފައިވަނީ 2،000 ޔުނިޓު، 130 މިލިއަން ޑޮލަރަށް.
ގެދޮރުވެރިޔާ މަޝްރޫއުގައި ތަރައްގީކުރަނީ 17 އާއި 18 ބުރީގެ ދެ ކޮޓަރީގެ 1200 އެޕާޓުމެންޓާއި، ތިން ކޮޓަރީގެ 2800 އެޕާޓުމެންޓެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެފްޑީސީގެ މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވި ގޮތުން، އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ އެވެ. ނަމަވެސް، މުޅި މަޝްރޫއު ނިންމާލެވޭނެ ކަަމަށް ލަފާކުރަނީ 2024 ވަނަ އަހަރަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް އަހުމަދު ޝަމޫލް އަބްދުﷲ

މިހާރު، ނިމިފައިވަނީ ޖޭއެމްސީގެ ޓަވަރުތަކުގެ 16 އިންސައްތަ އަދި އެމްބީސީސީގެ ޓަަވަރުތަކުގެ 13 އިންސައްތަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close