ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު 11:00 އާ ހަމައަށް، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށް ރީނދޫ ސަމާލުނެރެފައިވާއިރު، މިއަދު މެންދުރު 12 އާ ހަމައަށް މުޅި ރާއްޖޭގެވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވެއެވެ.
ހުދު ސަމާލުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް ދަންމާލާފައިވާއިރު، މެޓް އޮފީހުން މި ސަމާލު ނެރުނީ ހއ އިން ގދ އަތޮޅުގެ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން އިތުރަށް ތަފްޞީލުކޮށްދެމުން އެ އިދާރާއިން ބުނީ، މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ޢާންމު ގޮތެއްގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު، އަދި އިރުއުތުރުން ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގެ ބާރުމިން އަރައިގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ސަރަޙައްދުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އުތުރުގެ އަތޮޅުތަކުގައި ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ފާހަގަކުރެއެވެ. އެހެންކަމުން، އެންމެހައި ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...