މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުދި ވިޔަފާރިތައް އޮޑިޓްކުރުމަށް އިސްކަންދޭ ކަމަށް ވިދާޅުވެ، މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކަށް އެ އިދާރާއިން ފުރަތަމަ ފަހަރަށް ރަސްމީކޮށް ރައްދު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މީރާއިން ކަންމަތީ ފިހާރަތަކަށް ފާރަވެރިވުމުގެ ބަދަލުގައި އޮޑިޓް ކުރަންވީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑެތި ރިސޯޓުތައް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގަވާއިދުން ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓުން ކަމަށް ފާހަގަކުރައްވައި، ބާކީ ހުރި ތަންތަނުގެ ހިސާބުތައް ބަލައި ތަޙުޤީޤުކުރަން ޖެހޭ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން މީރާއިން ނެރުނު ބަޔާނެއްގައި ބުނީ، އޮޑިޓް ކުރުމުގައި ވަކި ވިޔަފާރިއެއްގެ ކުޑަބޮޑުމިނަކަށް ނުބަލާ ކަމަށާއި، ގާނޫނު ތަންފީޒު ކުރަނީ ހުރިހާ ފަރާތްތަކަކަށް ހަމަހަމަކަމާއެކު ކަމަށެވެ. އަދި އޮޑިޓް ކުރާނެ ފަރާތްތައް ކަނޑައަޅަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، "ރިސްކް ބޭސްޑް" އުސޫލުތަކަކަށް އެކުލަވާލާފައިވާ ޚާއްޞަ ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން، މީރާއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޙިއްޞާކުރަނީ ޓޫރިޒަމް ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާގެ ވިޔަފާރިތައް ވެސް ގަވާއިދުން އޮޑިޓް ކުރަމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. ހަމައެއާއެކު، ކުދި ވިޔަފާރިތަކަށް ދަތިނުވާނެހެން ހިސާބު ބެލެހެއްޓުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށާއި، ފިޔަވަޅު އަޅަނީ ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކަށް އެކަނި ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...