ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތަކުގެ ފުރިހަމަ ބޭނުން ހިފޭނީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ މައްޗަށް އޮތް ޒިންމާތަކާއި ވާޖިބުތައް އަދާކޮށްގެން ކަމަށާއި، ޑިމޮކްރަސީގެ ހަގީގީ ރޫހަކީ އެއީ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު ވިދާޅުވީ ހައްގުތައް ލިބިގަތުމާއެކު އެކަކު އަނެކަކަށް އަދާކުރަންޖެހޭ އިހުތިރާމާއި ވާޖިބުތައް އިސްކުރުމަކީ މުޅި ނިޒާމު ހަރުދަނާވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން ޔޫއެންޑީޕީއާއި އީޔޫގެ އެހީތެރިކަމާއެކު ހިންގާ "އެނގުމަކީ ބާރެއް" ޕްރޮގްރާމުގެ ތެރެއިން އާންމުކުރި ވީޑިއޯއެއްގައި އުޝާމު ފާހަގަކުރެއްވި ގޮތުގައި، ހައްގުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ އަދި އެއް ފައިސާ ފޮއްޗެއްގެ ދެފުށް ފަދަ ދެ އަސާސެވެ. އަދި ވާޖިބުތަކާ ދުރުވެ ހަމައެކަނި ހައްގުތަކަށް އެދުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ފުރިހަމަ ފައިދާ ލިބޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 67 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވަމުން ބަންޑާރަނައިބު ވިދާޅުވީ، ކޮންމެ މީހަކުވެސް ހައްގުތައް ބޭނުންކުރާއިރު ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ ގާނޫނީ ގޮތުންނާއި އަޚްލާގީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކެއް ކަމަށެވެ.
މިސާލެއްގެ ގޮތުން ދަތުރުފަތުރުކުރުމުގެ މިނިވަންކަމުގެ ހައްގަށް އިޝާރާތްކުރައްވައި އުޝާމު ވިދާޅުވީ، އާންމު މަގުތަކާއި ތަންތަން ބޭނުންކުރުމުގައި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ހައްގާއެކު އަންނަ ބޮޑު ޒިންމާއެއް ކަމަށެވެ.
އޭގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮތް ނަމަވެސް، އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނިވާފަތްގަނޑުގައި ތިބެ އަނެކުންގެ އަބުރަށް އަރައިގަތުމާއި ގާނޫނާ ހިލާފުވުމަކީ ގާނޫނުއަސާސީން ފުރުސަތުދޭ ކަމެއް ނޫންކަންވެސް ހަނދާންކޮށްދެއްވިއެވެ.
ބަންޑާރަނައިބު ނިންމަވާލެއްވީ، ހަރުދަނާ ޑިމޮކްރަސީއެއް ބިނާވަނީ ހަމައެކަނި ހައްގުތައް ލިއްބައިދިނުމުން ނޫން ކަމަށާއި، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވިދާޅުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...