ސަމާލުވޭ، ރޭގެ އަލިފާނުގެ ޙާދިސާގެ ނާޖާއިޒު ފައިދާ ސްކޭމް ލިންކުތަކުން!
އަޅުގަނޑެމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އެކަކު އަނެއްކަކަށް އަޅާލާ އެހިތެރިވެދިނުމުގެ ސަޤާފަތުގެ ތެރެއިން މަދުބަޔަކުނަމަވެސް މިދަނީ ނާޖާއިޒު ފައިދާ ނަގަމުންނެވެ. ދިމާވާ އެކިއެކި ހިތާމަވެރި ހާދިސާތަކާއި ގުޅިގެން ދިވެހިންނަކީ އެފަދަ ހާދިސާތަކުގައި ގެއްލުންލިބޭ ފަރާތަކަށް އެހީތެރިވެދީ ހަމްދަރުދީ ވާބައެކެވެ. އެގޮތުން ރޭ މާލޭގައިހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި 10 ބިދޭސީއެއްގެ ފުރާނަ ގެއްލިފައިވާއިރު، ދިވެހި ނޫސްތައްވަނީ އެ ހާދިސާއާއި ގުޅޭ ފަލަ ސުރުޚީތަކުން ފުރާލައިފައެވެ.
އެ ހާދިސާގެ އިތުރު މައުލުމާތު ހޯދަން ބޭނުންނުވާނެ އެއްވެސް ދިވެއްސަކު ހުންނާނެއެކޭ ނުބުނެވޭނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ހިތުގައި އުފެދިފައިވަ ހަމްދަރުދީގެ ސަބަބުން ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ހޯދާލުމުގެ ޝައުޤުގައި އިންޓަނެޓްގެ ސައިޓްތަކަށް ވަދެގެން މައުލޫމާތު ހޯދާނެއެވެ.
މިފަދަ ހައްސާސް ދަނޑިވަޅެއްގައި ބަޔަކު މިވަނީ މިހާދިސާގެ ނަޖާއިޒް ފައިދާ ނަގަން މަސައްކަތް ފަށާފައެވެ. އަލިފާނުގެ ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ ސްކޭމް މެސެޖުތައް ދައުރުކުރާން ފަށާފައެވެ.
މިކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ، އެކި އެކި ސްކޭމްތައް ފޮނުވަމުންދާކަމަށެވެ. އެގޮތުން އެކި ލިންކްތައް މެދުވެރިކޮށް ޙާދިސާއާ ގުޅޭ އިތުރު މަންޒަރުތަކާއި ވީޑިއޯތައްކަމަށް ބުނެ، ސްކޭމްތައް ދައުރުކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ އެފަދަ ކަންކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ.
ރޭ ދަންވަރު 00:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ.
މި ގަރާޖު ހުންނަ ގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެނީ ހުސް ބިދޭންސންނެވެ. އަދި މި ހާދިސާގައި މިހާތަނަށް މަރުވި އެންމެނަކީވެސް ހުސް ބިދޭސީންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

