ބޭރުދުނިޔެ ސައޫދީގެ ތާރީޚާއި ސަގާފަތަށް ކުޑަކުދިން އަހުލުވެރިކުރުމަށް ޚާއްޞަ އެންސައިކްލޯޕީޑިއާއެއް ނެރެފި

ސައޫދީގެ ތާރީޚާއި ސަގާފަތަށް ކުޑަކުދިން އަހުލުވެރިކުރުމަށް ޚާއްޞަ އެންސައިކްލޯޕީޑިއާއެއް ނެރެފި

ސައޫދީގެ ތާރީޚާއި ސަގާފަތަށް ކުޑަކުދިން އަހުލުވެރިކުރުމަށް ޚާއްޞަ އެންސައިކްލޯޕީޑިއާއެއް ނެރެފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ސައޫދީ އަރަބިއްޔާގެ ތާރީޚާއި ޖޯގްރަފީގެ އިތުރުން އެ ގައުމުގެ ސަގާފީ ނުވަތަ އާދަކާދައިގެ ތަފާތުކަންކަމަށް ކުޑަކުދިން އަހުލުވެރިކުރުވައި، ގައުމީ އައިޑެންޓިޓީ ވަރުގަދަކުރުމުގެ މަގުސަދުގައި કިންގް އަބްދުލްއަޒީޒް ޕަބްލިކް ލައިބްރަރީން ނުވަ ވިލިއަމް (ވޮލިއުމް) ގެ މައްޗަށް އެކުލެވޭ ޚާއްޞަ އެންސައިކްލޯޕީޑިއާއެއް ނެރެފިއެވެ.

"އެންސައިކްލޯޕީޑިއާ އޮފް ސައޫދީ އަރަބިއްޔާ ފޯ ޗިލްޑްރެން އެންޑް ޔަންގް ޕީޕަލް" ގެ ނަމުގައި ނެރުނު މި އެންސައިކްލޯޕީޑިއާއަކީ އުމުރުން 9 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ސައޫދީގެ މާޒީއާއި އާދަކާދައިގެ ސަހީހު މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމާއި، ތަފާތު ސަގާފަތްތަކަށް އިޙްތިރާމްކުރުމުގެ އާދަ އަށަގަނެވުމުގެ އިތުރުން ގައުމީ ތަރިކައިގައި ދީނީ އަދި އިންސާނީ އުސޫލުތަކުގެ މުހިންމުކަން އަންގައިދިނުމެވެ.

މި އެންސައިކްލޯޕީޑިއާގައި ސައޫދީގެ ޖޯގްރަފީ ސިފަތަކާއި، ތާރީޚީ ކުރިއެރުންތަކާއި، އާސާރީ ތަންތަނާއި، އިޖުތިމާއީ އާދަކާދަތަކުގެ އިތުރުން ސަގާފީ ހަރަކާތްތަކުގެ މައުލޫމާތު ހިމެނެއެވެ. އަދި ޚިދުމަތްތަކާއި އިމާރާތްތަކުގެ ތަރައްގީއާއި، އިގްތިސާދާއި ގުދުރަތީ ވަސީލަތްތަކާއި، ވަައިލްޑްލައިފް، ފަތުރުވެރިކަން އަދި މުނިފޫހިފިލުވުމުގެ ދާއިރާތަކަށްވެސް އަލިއަޅުވާލާފައިވެއެވެ. ޚާއްޞަކޮށް ސައޫދީގެ ތަފާތު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އުޅުމާއި، އާމްދަނީ ހޯދާ ގޮތްތަކާއި އާދަކާދަތަކުގެ ތަފާތުކަން ކުދިންނަށް ދޭހަވާނެ ފަދަ އުމުރާ ގުޅޭ ބަސްމަގަކުން ބަޔާންކޮށްދީފައިވެއެވެ.

މީގެއިތުރުން ވިޔަފާރިއާއި ސިނާއަތްތަކުގެ މަސައްކަތް ކުރާ ސިޓީތަކުގެ ދިރިއުޅުމުގެ އިތުރުން، އާއިލީ ގުޅުންތަކާއި އިޖުތިމާއީ ބަދަހިކަން ބޮޑު ރަށްފުށުގެ އަދި ބަދަވީ (ބެޑުއިން) މުޖުތަމައުތަކުގެ ވާހަކަތައްވެސް ހިމެނެއެވެ. ސައޫދީގެ ސިޓީތަކަށް އައިސްފައިވާ އަވަސް ތަރައްގީއާއި އަވަށު ބިނާރާއި، ސިޓީތަކުގެ ވަށައިގެންވާ ކުދި އަވަަށްތަކާއި، ސަހަރާގައި ގަދީމީ އާދަކާދަތަކާއެކު ދިރިއުޅޭ ބަދަވީންގެ ދިރިއުޅުމުގެ ތަފާތު މަންޒަރުތައް ކޮންމެ މުޖުތަމައެއްގެ ޚާއްޞަ ސަގާފަތާއި ދުވަހީ ކަންކަމާއެކު ސިފަކޮށްދީފައިވެއެވެ.

މި ފޮތްތަކުގައި ސައޫދީ މުޖުތަމައާއި، އިމާރާތްކުރުމުގެ ވައްޓަފާޅިއާއި، ތާރީޚާއި ބިމުގެ ތަފާތު ސިފަތައް ކުރެހުންތަކާއެކު ހުށަހަޅައިދީފައިވެއެވެ. އޭގެ ތެރޭގައި ގެދޮރާއި އިމާރާތްކުރަން ބޭނުންކުރި އާލާތްތަކާއި، ހެދުންއެޅުމާއި ގަހަނާއާއި، މަސައްކަތްތެރިކަމާއި، ގަދީމީ ބޭސްވެރިކަމާއި، މިސާލުބަސްތަކާއި، ސަގާފީ ނެޝުންތަކާއި ލަވަތަކުގެ އިތުރުން ކުޑަކުދިންގެ ކުޅިވަރުތައް ހިމެނެއެވެ. އަދި އިޖުތިމާއީ އަދި ދީނީ މުނާސަބަތުތައް ފާހަގަކުރާ ގޮތާއި، ކުރީގެ ތައުލީމީ ނިޒާމު އޮތްގޮތަށްވެސް ބަލާލާފައިވެއެވެ.

މިފަދަ ތަފާތު މައުލޫމާތުތަކަށް ކުޑަކުދިން އަހުލުވެރިކުރުވުމުގެ މަގުސަދަކީ ގައުމީ ރޫހު އާލާކޮށް، ގައުމީ ތަރައްގީގައި ހިއްސާވުމަށް ހިތްވަރުދިނުމެވެ. އަދި ބައިނަލްއަގުވާމީ، އިންސާނީ އަދި ސަގާފީ އެކި މައިދާންތަކުގައި ގައުމު ތަމްސީލުކުރުމަށާއި، ގައުމުގެ ފާގަތިކަމަށް މަސައްކަތްކުރާނެ ޖީލެއް ބިނާކުރުމަކީވެސް މިއެންސައިކްލޯޕީޑިއާގެ މަގުސަދެކެވެ.

މި އެންސައިކްލޯޕީޑިއާ ތައްޔާރުކުރުމުގައި އެޑިޓަރުންނާއި ކުރެހުންތެރިން ގުޅިގެން މަސައްކަތްކޮށްފައިވާއިރު، މީގެ ތެރޭގައި 1،800 އެއްހާ ފޮޓޯއާއި، 625 ކުރެހުމާއި، 100 ތާވަލުގެ އިތުރުން 40 ޖޯގްރަފީ ޗާޓު ހިމެނެއެވެ. ކުޑަކުދިންގެ ކުރެހުންތަކަށް ޚާއްޞަ 12 ކުރެހުންތެރިއަކު މީގެ ކުރެހުންތައް ތައްޔާރުކޮށްފައިވާއިރު، ސައިންޓިފިކް އަދި އާޓިސްޓިކް ޓީމުތަކުގެ އިތުރުން ކުޑަކުދިންގެ ނަފްސާނީ އަދި ތައުލީމީ ކަންކަމަށް ޚާއްޞަ ރިވިއު ކޮމިޓީތަކުންވެސް މި މަސައްކަތް ބަލައި މުރާޖައާކޮށްފައިވެއެވެ.

މިއީ 2008 ވަނަ އަހަރު އެ ލައިބްރަރީން 20 ވިލިއަމްގެ މައްޗަށް ނެރުނު ބޮޑު "އެންސައިކްލޯޕީޑިއާ އޮފް ސައޫދީ އަރަބިއްޔާ" ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ޚުލާޞާ އެންސައިކްލޯޕީޑިއާއެކެވެ. ކުރީގެ އެންސައިކްލޯޕީޑިއާގައި ސައޫދީގެ 13 ސަރަހައްދެއްގެ ތާރީޚީ، ޖޯގްރަފީ، އިޖުތިމާއީ އަދި އިގްތިސާދީ މައުލޫމާތާއެކު 10،000 އަށްވުރެ ގިނަ ފޮޓޯއާއި ޗާޓުތައް ހިމެނިފައިވެއެވެ.

ރިޔާޟުގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޕަބްލިކް ލައިބްރަރީއަކީ ކުޑަކުދިންގެ ތައުލީމީ އަދި ސަގާފީ ކަންކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ތަނެކެވެ. އެގޮތުން ވާހަކަ ފޮތްތަކާއި، މުބާރާތްތަކާއި، ވާހަކަ ދެއްކުމުގެ ވޯކްޝޮޕްތަކާއި، ކުޑަކުދިންގެ ސިނަމާ، ތިއޭޓަރު ހަރަކާތްތަކާއި، ސްކޫލް ވިޒިޓްތަކުގެ އިތުރުން "މޮބައިލް ލައިބްރަރީ" ބަސްތައް މެދުވެރިކޮށް ސައޫދީގެ ތަފާތު ސަރަހައްދުތަކަށް ސަގާފީ މައުލޫމާތު ފޯރުކޮށްދިނުމުގެ ޚިދުމަތް އެ ލައިބްރަރީން ދެއެވެ.

1985 ވަނަ އަހަރު ގާއިމުކޮށް، 1988 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަސްމީކޮށް ހުޅުވި މި ލައިބްރަރީގައި 32،000 ނާދިރު ފޮތާއި، 123،000 އަށްވުރެ ގިނަ ނާދިރު ލިޔެކިޔުންތަކާއި 7،620 އަތްލިޔުން ހިމެނެއެވެ. އަދި ޗައިނާގެ ޕީކިންގް ޔުނިވަސިޓީގައާއި މޮރޮކޯގެ ކަސަބްލާންކާގައިވެސް މި ލައިބްރަރީގެ ދެ ގޮފި ހިންގަމުންދެއެވެ.

ޓެގް

ސައޫދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.