ބޮޑެތި އެމްބިއުލާންސްތައް ކުދިރަށްރަށަށް ފޮނުވުމުން އޭގެ ބޭނުން އެރަށްރަށުގައި ނުކުރެވޭ: ނަޞީމް
ބޮޑެތި އެމްބިއުލާންސްތައް ކުދިރަށްރަށަށް ފޮނުވުމުން އޭގެ ބޭނުން އެރަށްރަށުގައި ނުކުރެވޭ ކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގަައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ މިހާރުވެސް އެމްބިއުލާންސް ނެތް ރަށްރަށް ތިބިކަން ފާހަގަކުރައްވާ އެރަށްރަށަށް އެމްބިއުލާންސް ފޮނުވޭވަރުވާނީ ކިހާ ތާކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަޞީމް ވިދާޅުވީ ކުދި ރަށްރަށަށް ފޮނުވުމަށް މަސައްކަތް ކުރަމުންދަނީ ކުދި އެމްބިއުލާންސް ކަމަށާއި، އެ އެމްބިއުލާންސްތައް ޗައިނާ މެދުވެރިކޮށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މިހާރު ވާނީ ވާހަކަދައްކާފައި ޗައިނާ އާއި، ޗައިނާ އާއި ވާހަކަ ދައްކައިގެން، ބަގީ ވައްތަރުގެ ކުދި އެމްބިއުލާންސް އެބަ ހަދާ އެތަނުގައި،“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުދި ރަށްރަށަށް މިހާރު ހުރި ބޮޑެތި އެމްބިއުލާންސްތައް ފޮނުވުމުން އޭގެ ބޭނުން އެރަށްރަށުގައި ނުކުރެވޭ ކަމަށާއި، އެރަށްރަށުގެ ކުދި މަގުތަކަށް އެތަކެތި ނުފެތޭ ކަމަށެވެ.
މިއަދުގެ މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި ގުޅިގެން ކުރަމުންދާ އެމަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ފަހުން މައުލޫމާތު އަރުވާނެ ކަމަށެވެ.