ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ކޯޓަކަށް ބެލުމެއްނެތް: ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކުރަނީ ހުށަހެޅޭ ޝަކުވާއާއި ހެކީގެ މައްޗަށް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިފަދައިން ވިދާޅުވީ، ވަކި ކޯޓެއްގެ ފަނޑިޔާރުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ތަޙްޤީޤުކުރާ ކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރެމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެހެންކަމުން، ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ ވަކިގޮތަކަށް ޢަމަލުކުރުމެއް ނޯންނާނެ ކަމަށް ޖޭއެސްސީ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަޏީ ފާހަގަކުރައްވާފައެވެ.
ޖޭއެސްސީގެ ޒިންމާއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ތަނަކަށް ހެދުންކަން އެ ކޮމިޝަނުން ބަޔާނުގައި ފާހަގަކުރެއްވިއެވެ. މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އަލީގައި ފުރިހަމައަށް ތަޙްޤީޤުކޮށް، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ތަމްރީން ދިނުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ފަނޑިޔާރުންގެ ސުލޫކީ 176 ޝަކުވާ ޖޭއެސްސީއަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާކަމަށް ޖޭއެސްސީން ހާމަކުރެއްވިއެވެ. ސުލޫކީ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތަ ނުވަތަ 6 ފަނޑިޔާރުންނަށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ވަކި ކޯޓެއްގެ ފަނޑިޔާރުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ބަލާކަމަށް ދޭހަވާ ގޮތަށް މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ޖޭއެސްސީން ނުދެކޭކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

