ކުޅިވަރު ހަތަރު ގޯލުގެ ލީޑެއްގައި އޮތް ރާއްޖެއާއި ލަންކާ އެއްވަރުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓްގެ ތެރޭގައި

ހަތަރު ގޯލުގެ ލީޑެއްގައި އޮތް ރާއްޖެއާއި ލަންކާ އެއްވަރުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓްގެ ތެރޭގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްރީ ލަންކާގައި މިއަދުފެށުނު ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ލަންކާއާއި ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އިން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި ލަންކާ މެޗު އެއްވަރުކޮށްފައިވީއިރު އެމީހުންގެ ހަތަރުވަނަ ގޯލްޖެހީ އިތުރުވަގުތުގެ ގޮތުގައި ދެއްކި 3 މިނިޓްގެ ތެރޭގައެވެ.

މެޗް ފެށިގެން ފުރަތަމަހާފް ނިމުނުއިރުވެސް ރާއްޖެއިން އޮތީ 3 ގޯލްގެ ލީޑެއް ނަގައި ލަންކާ މައްޗަށް ވަރަށްބޮޑުތަނުން ކުރިހޯދާފައެވެ.

ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ނުވަ މިނިޓް ތެރޭ ރާއްޖޭން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ގޯލު އަށް ވަނަ މިނިޓްގައި ޖެހީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. އުމެއިރު އޯވަހެޑް ކިކަކުން ޖެހި ބޯޅައެއް ލަންކާ ކީޕަރު ސުޖަން ޕެރޭރާ ކޯނަރަކަށް ލިބުނު ކޯނަރަކުން، އެ ކޯނަރުގައި ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަކޫ މި ގޯލު ޖެހީ ބޮލުން ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އޭގެ މިނިޓެއް ފަހުން ލަންކާގެ ޑިފެންސްގެ ތެރެއިން ހުސްވި ޖާގައެއްގެ ތެރެއިން ލިބުނު ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖޭގެ ލީޑުފުޅާކޮށްފަ އެވެ. ސެންޓޭ ބޯޅަ ފޮނުވާލި ތިރިތިރިން ގޯލުގެ ކަނަށެވެ. އެއީ ރާއްޖޭގެ ދެވަނަ ގޯލެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅައަކުން ފޭދޫ އިއްބެ ވަނީ ރާއްޖޭގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަރިމަތިން ލަންކާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ރާއްޖެ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ދަގަނޑޭ ވަނީ ތިރިތިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އެކަމަކު، އޭގެ ފަހުން މަންޒަރު އެއްކޮށް ބަދަލުވީ ރާއްޖޭގެ ފަހަތުން ހުސްވި ޖާގަތަކުގެ ބޭނުންހިފައި ލަންކާ އިން ފުލުފުލުގައި ތިން ގޯލު ޖެހުމުންނެވެ. ލަންކާ އިން ތިން ގޯލު ޖަހައި އެ ޓީމުގެ އަހުމަދު ވަސީމް ރަޒީކް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

އޭގެ ފަހުން ލަންކާ ނަތީޖާ ހަމަހަމަ ކުރިއެވެ. ލަންކާ އިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓްގެ ތެރޭގަ އެޓީމަށް ލިބުނު ކޯނަރަކުންނެވެ.

ޓެގް

ފޯނޭޝަންސްކަޕް ސްރީލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.