ލައިފްސްޓައިލް މީގެ 66 މިލިއަން އަހަރު ކުރިން އުޅުނު ޓީ ރެކްސްގެ އިތުރު ފިޔަވަޅުތަކެއް

މީގެ 66 މިލިއަން އަހަރު ކުރިން އުޅުނު ޓީ ރެކްސްގެ އިތުރު ފިޔަވަޅުތަކެއް

މީގެ 66 މިލިއަން އަހަރު ކުރިން އުޅުނު ޓީ ރެކްސްގެ އިތުރު ފިޔަވަޅުތަކެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ނޯތު ޑަކޯޓާއިން ފެނުނު 66.5 މިލިއަން އަހަރުވީ ބިޔަ ހަތަރު ފިޔަވަޅަކީ ބޮޑުވެ ފުރިހަމަވެފައިވާ ޓައިރެނޮސޯރަސް ރެކްސް (ޓީ-ރެކްސް) އެއް އެއްފިޔަވަޅު އަނެއް ފިޔަވަޅަށް ވިދިވިދިގެން އަޅަމުން ހިނގާފައިވާކަން ދައްކުވައިދޭ ފުރަތަމަ ހެކި ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ހާމަކޮށްފިއެވެ.

ޖާނަލް އޮފް ވާޓިބްރޭޓް ޕެލިއޮންޓޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އެނގޭ ގޮތުގައި މި ފިޔަވަޅުތަކުން މި ބިޔަ ޝިކާރަވެރި ޖަނަވާރު ހިނގި ބާރުމިނާއި އޭގެ ހަރަކާތްތައް ހުރި ގޮތް ވަރަށް ސާފުކޮށް އެނގިގެންދެއެވެ.

މި ފިޔަވަޅުތަކުގެ ސިލްސިލާ 2025 ވަނަ އަހަރުގެ ޖުލައި މަހު ފުރަތަމަ ހޯދާފައިވަނީ ކޮލޮރާޑޯގެ ހައިސްކޫލް ޓީޗަރެއް ކަމަށްވާ ކެންޓް ހަޕްސްއެވެ. ނޯތު ޑަކޯޓާގެ ހެލް ކްރީކް ފޯމޭޝަނުން ފެނުނު މި ފިޔަވަޅުތަކުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު (23 ފޫޓު) ހުރިއިރު، އޭގައި ހިމެނެނީ ކަނާތު ފައިގެ ދެ ފިޔަވަޅާއި ވާތު ފައިގެ ދެ ފިޔަވަޅެވެ. ކޮންމެ ފިޔަވަޅެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 1 މީޓަރު އަދި ފުޅާމިނުގައި 80 ސެންޓިމީޓަރު ހުރި އިރު، އެއް ފައިން އެޅި ފިޔަވަޅާއި އަނެއް ފިޔަވަޅާ ދެމެދު 4 މީޓަރު (13 ފޫޓު) ހުރި ކަމަށް ސައިންސްވެރިން ބުނެއެވެ.

ދިރާސާވެރިން ފިޔަވަޅުގެ ބޮޑުމިނާއި ދެ ފިޔަވަޅު ދެމެދު ހުރި ދުރުމިން އަޅާކިޔައިގެން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، މި ޓީ-ރެކްސް އާދައިގެ މަތިން ހިނގާފައިވަނީ ގަޑިއަކު 5.6 އާއި 7.2 ކިލޯމީޓަރު (3.5 އާއި 4.5 މޭލު) ދެމެދުގެ ބާރުމިނެއްގައެވެ. މިއީ އިންސާނަކު ބާރަށް ހިނގާ ދުވެއްޔާ ދާދި އެއްވަރުގެ ބާރުމިނެކެވެ. މިއިން އެނގެނީ ޓީ-ރެކްސް އާދައިގެ ހާލަތްތަކުގައި ދަތުރުކޮށްފައިވަނީ ހަކަތަ މަދުން ބޭނުންވާ ފަދަ ހަމަޖެހޭ ދުވެއްޔެއްގައި ކަމެވެ.

ފޮސިލްވެފައިވާ މި ފިޔަވަޅުތަކަކީ ކޯރުގެ ވެއްޔާއި ކިސަޑުގަނޑުގެ މަތީގައި އެޅިފައިވާ ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތައް ހަރުވެ ހަލާކުނުވެ މިހާތަނަށް ރައްކާތެރިވެފައި ހުރީ ކެލްސިއަމް ކާބޮނޭޓް އެކުލެވޭ ފެނުގެ އަސަރުން ހިލަގަނޑަކަށް ބަދަލުވުމުގެ ސަބަބުންނެވެ. މި ސަރަހައްދުން އެ ދުވަސްވަރު އުޅުނު އެހެން އެއްވެސް ޖަނަވާރެއްގެ ފިޔަވަޅު މިހާ ބޮޑު ނުވާނެތީއާއި ވަށައިގެންވާ ސަރަހައްދުން ޓީ-ރެކްސްގެ ކަށިތައް ގިނައިން ފެނިފައިވާތީ، މިއީ ފުރިހަމަ ޓީ-ރެކްސްއެއްގެ ފިޔަވަޅުކަން ކަށަވަރުވެއެވެ.

ޑެންވާ މިއުޒިއަމް އޮފް ނޭޗާ އެންޑް ސައިންސް އާއި ލިވަޕޫލް ޖޯން މޫރސް ޔުނިވަރސިޓީގެ ސައިންސްވެރިން ވަނީ އިތުރު ދިރާސާތަކަށްޓަކައި ހެލިކޮޕްޓަރު މެދުވެރިކޮށް މި ފިޔަވަޅުތައް ދާރުލްއާސާރަށް ގެންގޮސްފައެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މި ހޯދުމަކީ ޑައިނަސޯގެ ހަރަކާތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަތުމަށް މިހާތަނަށް ލިބުނު ވަރަށް އަގުހުރި ކުރިއެރުމެކެވެ.

---

މައުލޫމާތު: ޖާނަލް އޮފް ވާޓިބްރޭޓް ޕެލިއޮންޓޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.