އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގުކަމަށާއި، މި މާތް ދީނުގެ އުޞޫލުތަކާ ދުރަށްދިއުމަކީ ނިކަމެތިކަން ލިބޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މައުޟޫޢުގެ މައްޗަށް ރަށުގެ މިސްކިތްތަކުގައި އިއްވި މި ޚުޠުބާގައި، ދީނީ ވާޖިބުތަކަށް ފަރުވާކުޑަކޮށް ބީރައްޓެހި ސަގާފަތްތަކަށް ބޯލަނބަމުންދާދިއުމާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިންސާނުންގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދެއް ލިބިގެންވަނީ މި ދީނުންކަން ފާހަގަކުރަމުން، އިސްލާމްދީނުގެ ފުރަތަމަ ޖީލުގެ ބޭކަލުން ދީން ޙިމާޔަތްކުރުމަށް ވެވަޑައިގަތް މަތިވެރި ޤުރުބާނީތައް ޚުޠުބާގައި ވަނީ އާކޮށްފައެވެ. އެގޮތުން ބިލާލްގެފާނާއި ޚައްބާބު ބިން އަރަތު ފަދަ ޞަޙާބީުންނަށް ލިބުނު އަނިޔާތަކުގެ މެދުގައިވެސް ސާބިތުވެ ތިއްބެވިގޮތް ވަނީ މިސާލެއްގެ ގޮތުގައި ދައްކާފައެވެ.
މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބިފައިވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، ޚަލީފާ ޢުމަރުގެފާނު ވިދާޅުވިފަދައިން މާތް ﷲ ފޮތަށާއި ރަސޫލާގެ ސުންނަތަށް ރުޖޫޢަވެގެން މެނުވީ އަލުން އާރާއި ބާރު ނުލިބޭނެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ގޭތެރެއާއި ބާޒާރުމަތީގެ އިތުރުން މަޖިލިސްތަކުގައިވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށާއި، ފަރުޟު ނަމާދު ޤާއިމުކޮށް ހިތުގެ ނިޔަތް ޚާލިޞްކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...