ޔަމަނުގައި އަލުން ފެށުނު ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ދަރިވަރުންނެއްގެ ތަޢުލީމީ ޙަޔާތް މެދުކެނޑި، އެ ޤައުމުގެ ކުޑަކުދިންގެ މުސްތަޤުބަލު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ސަރުކާރުގެ ސިފައިންނާއި ޙޫޘީންނާ ދެމެދު ކުރިއަށްދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ސަތޭކައަށްވުރެ ގިނަ ސްކޫލްތައް ބަންދުކުރަންޖެހި، ގެދޮރުދޫކޮށް ދާންޖެހުނު އާއިލާތަކުގެ ކުދިންނަށް ކްލާސްރޫމްތަކާ ދުރަށް ދާންޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ޔަމަނުގައި ލިޔަންކިޔަން ނޭނގޭ އާ ޖީލެއް އުފެދިދާނެކަމުގެ އިންޒާރު ކަމާބެހޭ މާހިރުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދަނީ ދެމުންނެވެ.
ޔަމަނުގެ ތާއިޒް ގަވަރނޮރޭޓްގެ ޖަބަލް ޙަބަޝީ ދާއިރާގެ ވާދީ ބަނީ ޚައުލާން ސަރަޙައްދުގައި ހުރި ވަގުތީ ފޭލިގެއެއްގައި ދިރިއުޅެމުންދާ އުމުރުން 12 އަހަރުގެ އަޙްމަދަކީ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާންޖެހުނު ގިނަ އަދަދެއްގެ ކުދިންގެ ތެރެއިން އެކަކެވެ. ތާއިޒް ސިޓީގެ ހުޅަނގުގައިވާ އަލް އަޝްރޯ އަވަށުން ފިލައިގެން އޭނާގެ އާއިލާއާއެކު އެ ސަރަޙައްދަށް ބަދަލުވިފަހުން ދެ ހަފުތާ ވެފައިވާއިރު، އޭނާގެ ދުވަހީ ތާވަލު ބަދަލުވެފައިވަނީ ފޫހިކަމާއެކު ފޭލިގޭގައި ވަގުތު ހޭދަކުރުމަށެވެ. ހަނގުރާމައިގެ ހަމަނުޖެހުންތަކުން ރައްކާތެރިވުމަށް އަވަސްއަރުވާލައިގެން ނުކުންނަން ޖެހުމުން ފޮތްދަބަހާއި ސްކޫލް ސާމާނު ގޭގައި ބަހައްޓާފައި އަންނަންޖެހުނު ކަމަށާއި، އަލުން އެ ފޮތްދަބަސް ހިފައިގެން ކްލާސްރޫމަށް ދެވޭނެ ދުވަހެއް ނޭނގޭ ކަމަށް އަޙްމަދު ބުންޏެވެ.
ވަގުތީ ކޭމްޕްގައި ކިޔަވައިދޭނެ އެއްވެސް ސްކޫލެއް ނެތްއިރު، އަޙްމަދު ދިރިއުޅުނު އަވަށުގެ ސްކޫލްތައްވެސް ހުރީ ބަންދުކޮށްފައެވެ. ޔުނިސެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޔަމަނުގައި ހަނގުރާމައިގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި އެތައްސަތޭކަ ސްކޫލެއްގެ ކިޔަވައިދިނުން މެދުކެނޑި، 137,000 އަށްވުރެ ގިނަ ދަރިވަރުންގެ ތަޢުލީމަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެކަނިވެސް ހަމަނުޖެހުންތަކުގެ ސަބަބުން 57,000 އަށްވުރެ ގިނަ ކުދިން ގެދޮރުގެއްލި މަގުމަތިވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
ގާތްގަޑަކަށް ހަތަރު އަހަރެއްހާ ދުވަހު މާބޮޑު ހަލަބޮލި ކަމެއްނެތި ޔަމަނުގެ އާންމު ހާލަތުއޮތުމަށްފަހު، އޯގަސްޓް އަދި ސެޕްޓެމްބަރު މަހު ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ޙޫޘީންނާ ދެމެދު ހިނގި ކުރިމަތިލުންތައް ވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ. މީގެސަބަބުން ވަގުތީ ކޭމްޕްތަކަށް ބަދަލުވި އާއިލާތަކަށް ތަޢުލީމަށްވުރެ މުހިންމުވީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމެވެ. ހަނގުރާމަ ގޭދޮރާ ހަމައަށް އައުމުގެ ކުރިން ފިލާވަޅުތައް ނިންމުމަށް އާއިލާއިން ބާރުއެޅި ނަމަވެސް، ކޭމްޕްތަކުގައި ތިބި އާއިލާތަކުގެ އިސްކަންދޭ ކަންކަން މިހާރު ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، ސާފުބޯފެން ހޯދުމަށް ބަދަލުވެފައިވާކަން އަޙްމަދުގެ އާއިލާއިން ފާހަގަކުރެއެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން އޮކްޓޫބަރު 2 ގައި ހާމަކުރި ގޮތުގައި، އަލުން ފެށުނު ހަމަނުޖެހުންތަކާއެކު 150,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުދޫކޮށް ގޮސްފައެވެ. މިއީ 2014 ވަނަ އަހަރު ޙޫޘީން ސަންޢާގެ ބާރުގެ ދަށަށް ގެންދިޔަފަހުން ގެދޮރުގެއްލުނު 5 މިލިއަނަށްވުރެ ގިނަ މީހުންގެ އިތުރުން ސަރަޙައްދު ދޫކޮށް ދިޔަ މީހުންނެވެ. ޖަބަލް ޙަބަޝީ ދާއިރާގެ ރެފިއުޖީ ކޭމްޕްތައް ބަލަހައްޓާ ކޯޑިނޭޓަރު މުޙައްމަދު ރަޟްވާން ބުނީ، ކުރަންޖެހިފައިވާ ހިތާމަވެރި ތަޖުރިބާތަކުގެ ސަބަބުން އެތައް ހާސް ދަރިވަރުންނަކަށް ތަޢުލީމު އެއްކައިރިކޮށްލަން މަޖުބޫރުވެފައިވާ ކަމަށެވެ. ކުރީގެ ފްރަންޓްލައިންތަކާ ކައިރީގައިވާ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައިވާއިރު، ހިންގާ ބައެއް ސްކޫލްތަކަށް ދިއުމަށް ގިނަ ކިލޯމީޓަރުތަކަކަށް ހިނގަންޖެހުމާއި، އެ ސްކޫލްތައް ތޮއްޖެހިފައިވުމުން އާ ދަރިވަރުންނަށް ޖާގައެއް ނެތެވެ.
މި ސަރަޙައްދުތަކުގައި ހުރި ސްކޫލްތައް ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ ގެދޮރުގެއްލިފައިވާ މީހުން ބޭތިއްބުމަށް ބޭނުންކުރާ ސެންޓަރުތަކާއި، އިންތިހާއަށް ތޮއްޖެހިފައިވާ ސްކޫލްތަކާއި، އަދި ހަނގުރާމައިގެ ކުރީސަފުގެ ކައިރީގައިވާ ބަންދުކޮށްފައިވާ ސްކޫލްތަކެވެ. މިއީ ޔަމަނުގެ ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން، މި ފަހަރުގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިންވެސް ޔަމަނުގައި 3.2 މިލިއަން ކުދިން ތިބީ ތަޢުލީމީ ނިޒާމުން މަޙްރޫމްވެފައި ކަމަށް ޔުނިސެފުން ބުނެއެވެ.
އެސްއޭއެމް އޯގަނައިޒޭޝަން ފޯ ރައިޓްސް އެންޑް ލިބަރޓީސްގެ ރައީސް ތައުފީޤް އަލް ޙުމައިދީ ވިދާޅުވީ، ކިޔެވުމުން މަޙްރޫމްވުމުގެ ސަބަބުން ކުދިން މަގުމަތިވުމާއި، ސަލާމްޖެހުމާއި، ކުޑަކުދިން ލައްވައި މަސައްކަތްކުރުވުމުގެ އިތުރުން މަޖުބޫރުން ހަނގުރާމައަށް ނެރުމުގެ ނުރައްކާ ބޮޑުވެގެންދާ ކަމަށެވެ. އަދި ކޭމްޕްތަކުގައި ގިނަދުވަސްވުމުން ކުދިންގެ އާދަކާދަ ބަދަލުވެ، އެނބުރި ތަޢުލީމީ މާހައުލަށް އައުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށާއި، ސްކޫލްތަކުން ފޯރުކޮށްދޭ ނަފްސާނީ އަދި އިޖުތިމާޢީ ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތާއިޒްގެ މުދައްރިސެއް ކަމަށްވާ ޢަބްދުލްކަރީމް ފާހަގަކުރި ގޮތުގައި، ބޮމުގެ އަޑުފައްގަނޑާއި ބަޑީގެ އުންޑަތަކުގެ ނުރައްކަލުގެ ތެރޭގައި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ބުނީ އެންމެ ފުރަތަމަ އިސްކަމެއް ދޭންޖެހެނީ ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކަމަށާއި، އެއަށްފަހު ވަގުތީ މަރުކަޒުތައް ހަދައިގެން ނަމަވެސް ކިޔަވައިދެވޭނެ ގޮތެއް ހަމަޖައްސަންޖެހޭ ކަމަށެވެ.
ޢަދަނުގެ އިޖުތިމާޢީ މާހިރެއް ކަމަށްވާ އަފްރާޙް އަލް ޙުމައިޤާނީ އިންޒާރު ދެއްވި ގޮތުގައި، ހަމަނުޖެހުންތައް މިގޮތަށް ކުރިއަށްދާނަމަ ޔަމަނުގައި ލިޔަންކިޔަން ނޭނގޭ އާ ޖީލެއް އުފެދުމުގެ ބޮޑު ނުރައްކަލެއް އެބައޮތެވެ. ނަމަވެސް، ޔަމަނުގެ ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ގުޅިގެން ރައްކާތެރި ކޭމްޕްތައް ޤާއިމުކޮށް، ފޮތްތަކާއި މުދައްރިސުން ހަމަޖައްސައި، ކުދިންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީގެން މި މައްސަލައަށް ލުޔެއް ހޯދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...