ދީން އަޤީޤާ ކަތިލުމަކީ ސުންނަތެއް

އަޤީޤާ ކަތިލުމަކީ ސުންނަތެއް

އަޤީޤާ ކަތިލުމަކީ ސުންނަތެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުއްޖާގެ ޢަޤީޤާ ކަތިލަނީ ކޮން އުމުރަކާ ހަމައަށް ހެއްޔެވެ؟

ޢަޤީޤާ ކަތިލާއިރު ކުއްޖާ އެތަނުގައި ހާޒިރުވެ ހުރުން ލާޒިމު ހެއްޔެވެ؟

بِسْمِ اللہِ الرَّحْمٰنِ الرَّحِیْمِ

ކުއްޖަކު އުފަންވާތާ ހަތްވަނައަށް ވާ ދުވަހު ޢަޤީޤާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

މިކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ބަސްފުޅެވެ.

«كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى» (ރިވާކުރެއްވީ: އަބޫދާވޫދު)

މާނައީ: “ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ޢަޤީޤާއާ ގުޅިފައިވާ ކުއްޖެކެވެ. އެކުއްޖާގެ ފަރާތުން ހަތްވަނައަށް ވާ ދުވަހު (ޢަޤީޤާ) ކަތިލެވޭނެއެވެ. އަދި ބޯބާލައި، ނަންކިޔޭނެއެވެ.”

ކަތިލަންޖެހޭ ޢަދަދު:

ޢަޤީޤާ ކަތިލުމުގައި ފިރިހެން ކުއްޖަކަށް ދެ ބަކަރި، އަދި އަންހެން ކުއްޖަކަށް އެއް ބަކަރި ކަތިލުން ސުންނަތްވެގެންވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ގޮތުގައި، ފިރިހެން ކުއްޖަކަށް ދެ ބަކަރި އަދި އަންހެން ކުއްޖަކަށް އެއް ބަކަރި ޢަޤީޤާގެ ގޮތުގައި ކަތިލުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއެވެ.

ކަތިލުމުގެ ވަގުތު:

ވިހާތާ ހަތްވަނަ ދުވަހު ޢަޤީޤާ ކަތިނުލެވިއްޖެނަމަ، މާލީ ތަނަވަސްކަން ލިބުނުހާ އަވަހަކަށް އެކަން ފުރިހަމަކުރުން އެދެވިގެންވެއެވެ. މައިންބަފައިން އެކަން ކޮށްދީފައި ނުވާނަމަ، ބޮޑުވުމަށްފަހު ކުއްޖާ އަމިއްލައަށް ނަމަވެސް އެ ސުންނަތް އަދާކުރެވިދާނެއެވެ.

އެންމެ މޮޅުވެގެންވަނީ ކުއްޖާ އުފަންވާތާ ހަތްވަނަ ދުވަހު ޢަޤީޤާ ކަތުމެވެ. ހަތްވަނަ ދުވަހު އެކަން ކުރެވެން ނެތް ނަމަ، މުޅި އުމުރުގެ ކޮންމެ ދުވަހަކުވެސް އެކަން ކުރެވިދާނެއެވެ. އަދި އެއާއެކު ސުންނަތް ޙާޞިލުވާނެއެވެ. އެހެންނަމަވެސް، ހަތެއްގެ ގުނަ ތައް (މިސާލަކަށް: 14 ވަނަ ދުވަސް، 21 ވަނަ ދުވަސް) ހަމަވާ ދުވަސްތަކަށް އިސްކަންދިނުން މޮޅު އިތުރެވެ. މި ދުވަސްތައް ބަލާނެ ފަސޭހަ ގޮތަކީ، ކުއްޖާ އުފަންވި ދުވަހުގެ ކުރީ ދުވަހެވެ. މިސާލަކަށް، ކުއްޖާ އުފަންވީ ހުކުރު ދުވަހެއްގައި ނަމަ، ހަތްވަނަ ދުވަހަކީ އޭގެ ފަހުން އަންނަ ބުރާސްފަތި ދުވަހެވެ. އަދި ކުއްޖާ އުފަންވީ ހޮނިހިރު ދުވަހެއްގައި ނަމަ، ހަތްވަނަ ދުވަހަކީ އޭގެ ފަހުން އަންނަ ހުކުރު ދުވަހެވެ. އެހެންކަމުން، ފުރަތަމަ މިސާލުގައި ބުރާސްފަތި ދުވަހެއްގައި، ނުވަތަ ދެވަނަ މިސާލުގައި ހުކުރު ދުވަހެއްގައި ޢަޤީޤާ ކަތައިފިނަމަ އެ ދުވަސް ވާނީ ހަތެއްގެ ގުނައަކަށެވެ. އެހެންނަމަވެސް، މީހަކު މަރުވުމަށްފަހު އެމީހެއްގެ ޢަޤީޤާ ކަތުމެއް ނޯވެއެވެ. ސަބަބަކީ ޢަޤީޤާއަކީ ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމަކަށްވެފައި، ޝުކުރުވެރިވުން އޮންނަނީ ދިރިތިބީންނަށް ކަމުގައިވާތީއެވެ.

ޢަޤީޤާ ކަތާއިރު ކުއްޖާ އެތަނުގައި ހާޒިރުވެ ހުރުމަކީ ޝަރުޠެއް ނޫނެވެ. ކުއްޖާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، އެ ކުއްޖާގެ ނަމުގައި ކުރެވޭ ޢަޤީޤާ ޞައްޙަވާނެއެވެ.

މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތަކާ ގުޅޭގޮތުން އަޢުލާ ޙަޟްރަތު رَحْمَةُ اللهِ عَلَيْه ލިޔުއްވާފައިވެއެވެ: “ޢަޤީޤާ ކަތިލަންވާނީ ހަތްވަނަ ދުވަހުއެވެ. އެކަން ނުވެއްޖެނަމަ 14 ވަނަ ދުވަހުއެވެ. އެވެސް ނުވެއްޖެނަމަ 21 ވަނަ ދުވަހުއެވެ.” (މަޝްއަލަތުލް އިރުޝާދު ފީ ޙަޤޫޤިލް އަޥްލާދު، ޞަފުޙާ: 16)

މުފްތީ އަމްޖަދު ޢަލީ އަޢުޡަމީ رَحْمَةُ اللهِ عَلَيْه ލިޔުއްވާފައިވެއެވެ: “ހަތްވަނަ ދުވަހު ކުއްޖާއަށް ނަން ކިޔައި، ބޯ ބާލައި، އަދި ޢަޤީޤާ ކަތިލަންވާނެއެވެ. އަދި ބޭލި އިސްތަށީގެ ބަރުދަނަށް ރަން ނުވަތަ ރިހިން ޞަދަޤާތް ކުރަންވާނެއެވެ.” (ބަހާރޭ ޝަރީޢަތް، 3 ވަނަ ، ޞަފުޙާ: 355)

އެކަލޭގެފާނު އިތުރަށް ބަޔާންކުރައްވާފައިވެއެވެ: ޢަޤީޤާއަށް އެންމެ މޮޅު ދުވަހަކީ ހަތްވަނަ ދުވަހެވެ. ނަމަވެސް ހަތްވަނަ ދުވަހު އެކަން ނުކުރެވުނު ކަމުގައިވިޔަސް، ކޮންމެ ވަގުތަކު ކުރި ނަމަވެސް ސުންނަތް އަދާވާނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހަތްވަނަ ދުވަސް، ނުވަތަ 14 ވަނަ ދުވަސް، ނުވަތަ 21 ވަނަ ދުވަހު އެކަން ކުރުން މޮޅު އިތުރެވެ. ދުވަސްތައް ގުނަން އޮޅުން އަރާނަމަ، ކުއްޖާ އުފަންވި ދުވަހުގެ ކުރީ ދުވަހަށް ބަލައިގެން ޢަޤީޤާ ކަތިލާށެވެ. އެއިރުން އެ ދުވަސް ވާނީ ހަތެއްގެ ގުނައަކަށެވެ. މިސާލަކަށް، ހުކުރު ދުވަހު އުފަންވި ކުއްޖެއްގެ ޢަޤީޤާ ބުރާސްފަތި ދުވަހު ކަތައިފިނަމަ އެއީ ހަތެއްގެ ގުނައެކެވެ. (ބަހާރޭ ޝަރީޢަތް، 3 ވަނަ، ޞަފުޙާ: 356)

މަރުވެފައިވާ މީހެއްގެ ޢަޤީޤާ ކަތިލުމާ ބެހޭގޮތުން މުފްތީ އަމްޖަދު ޢަލީ އަޢުޡަމީ رَحْمَةُ اللهِ عَلَيْه އާ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ: “މަރުވެފައިވާ މީހެއްގެ ޢަޤީޤާ ނޯވެއެވެ. ސަބަބަކީ ޢަޤީޤާއަކީ ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ޤުރުބާނީއަކަށް ވެފައި، އެފަދަ ޝުކުރުވެރިވުމެއް އޮންނާނީ ދިރިހުރި މީހަކަށްޓަކައެވެ.” (ފަތާވާ އަމްޖަދިއްޔާ، 2 ވަނަ، ޞަފުޙާ: 336)

ޞަދަޤާތްކުރުމާއި ބެހުން:

ޢަޤީޤާ ކަތިލުމާ ގުޅުވައިގެން ފޮނި އެއްޗެއް ޞަދަޤާތްކުރުމަކީ ވާޖިބު (ލާޒިމު) ކަމެއް ނޫނެވެ. އެހެންނަމަވެސް ހެޔޮ ޢަމަލެއްގެ ގޮތުގައި ޞަދަޤާތް ކުރުމަކީ މައްސަލައެއް ނޫނެވެ.

ކަތިލެވޭ މަހުން ޢާއިލާއަށާއި ގާތްތިމާގެ މީހުންނަށް ބޭނުންކުރުމަށްފަހު، ފަޤީރުންނަށާއި ޔަތީމުޚާނާތައް (މިސާލަކަށް ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނަށް) ހަދިޔާކޮށް ޞަދަޤާތްކުރުމަކީ ވަރަށް މާތް އަދި އެދެވިގެންވާ ކަމެކެވެ.

وَاللہُ اَعْلَمُ عَزَّوَجَلَّ وَرَسُوْلُہ اَعْلَم صَلَّی اللّٰہُ تَعَالٰی عَلَیْہِ وَاٰلِہٖ وَسَلَّم

ޖަވާބު ދެއްވީ: މުފްތީ ފުޟައިލް ރަޟާ އައްތާރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.