ޚަބަރު ޒުވާންކަމާއި ޞިއްޙަތުގެ ނިޢުމަތަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން: ޚުޠުބާ

ޒުވާންކަމާއި ޞިއްޙަތުގެ ނިޢުމަތަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން: ޚުޠުބާ

ޒުވާންކަމާއި ޞިއްޙަތުގެ ނިޢުމަތަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން: ޚުޠުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާތް ﷲ ދެއްވާފައިވާ އަގުހުރި ޞިއްޙަތާއި ޒުވާންކަމުގެ ނިޢުމަތަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށާއި، އެ ރައުސްމާލު ބީވެގެން ދިޔުމުގެ ކުރިން ހެޔޮ ޢަމަލުތަކުން އޭގެ ފައިދާ ލިބިގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހުރިހާ މުސްލިމުންނަށް ގޮވާލައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ”ޞިއްޙަތަށް ފަރުވާތެރިވުން“ މި މަޢުޟޫޢުގެ ޚުޠުބާގައި އަލިއަޅުވާލާފައިވަނީ، ދުޅަހެޔޮކަންމަތީ ދެމިހުރުމަކީ މާތް ﷲ އަށް ކުއްތަންވުމަށް ލިބޭ އަގުނުކުރެވޭ ފަދަ ފުރުޞަތެއް ކަމުގެ މައްޗަށެވެ. އަދި އިންސާނާގެ ބާރަކާ ނުލައި ހަށިގަނޑުގައި ހިނގަމުންދާ ނިޒާމުތަކުގެ އަގު ގިނަ ފަހަރަށް އިޙްސާސް ކުރެވެނީ، ބައްޔެއް ނުވަތަ އުނިކަމެއް ކުރިމަތިވުމުން ކަމުގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ވިދާޅުވީ، ކޮންމެ އިންސާނެއްގެ ވެސް ޒުވާންކަން ފާއިތުވެ، ގައިބާރު ދެރަވެ، އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ ދުވަހެއް އަންނާނެ ކަމަށެވެ. އެހެންކަމުން، މިސްކިތްތަކަށް ހިނގާފައި ދިއުމާއި، ނަމާދުގައި ކޮޅަށް ހުރުމާއި، މައިންބަފައިންނަށް ޚިދުމަތްކުރުމުގެ އިތުރުން ޙަލާލު ދިރިއުޅުމެއް ހޯދުމަށް މަސައްކަތް ކުރެވޭނީ ޞިއްޙަތު ސަލާމަތުން ހުރެގެން ކަމަށާއި، މި ފުރުޞަތުތަކަކީ މާދަމާ ގެއްލިގެން ހިނގައިދާނެ ނިޢުމަތްތަކެއް ކަމަށް ހަނދާންކޮށްދިނެވެ.

މީގެއިތުރުން، އިންސާނާގެ ހަށިގަނޑަކީ ﷲ ގެ މަތިވެރި އަމާނާތަކަށް ވާތީ، އަމިއްލަ އިޚްތިޔާރުގައި ހަށިގަނޑަށް ގެއްލުންދީ ނުރައްކާތަކަށް ހުށަހެޅުމާއި، ޒަރޫރީ ޞިއްޙީ ފަރުވާތަކަށް ފަރުވާކުޑަކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ޞިއްޙަތު ރައްކާތެރިކުރަން މަސައްކަތް ކުރި ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަމަކީ އިންސާނާއަށް ހުއްޓުވޭނެ ކަންކަން ނޫން ކަމަށާއި، އެފަދަ ޙާލަތްތަކުގައި ކެތްތެރިވެ މާތް ﷲ ގެ މިންވަރުފުޅަށް ރުހުމަކީ މުއުމިނުންގެ ސިފައެއް ކަމުގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ގިނަ ބަޔަކު ފަރުވާކުޑަކުރާ ދެ ނިޢުމަތް ކަމުގައިވާ ޞިއްޙަތާއި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދަށް ތަބާވުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ޤިޔާމަތް ދުވަހު މި ނިޢުމަތްތަކާ މެދު ސުވާލުވެވޭނެކަން ދަނެ، ﷲ އަށް ޝުކުރުވެރިވެ ހެޔޮ ޢަމަލުތަކުގައި ދެމިތިބުމަށް ހުރިހާ އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރިއެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.