ލައިފްސްޓައިލް ގިނައިރު އިށީނދެގެން އިނުމަކީ ކިހާ ނުރައްކާތެރި ކަމެއް؟

ގިނައިރު އިށީނދެގެން އިނުމަކީ ކިހާ ނުރައްކާތެރި ކަމެއް؟

ގިނައިރު އިށީނދެގެން އިނުމަކީ ކިހާ ނުރައްކާތެރި ކަމެއް؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއަދުގެ ކުރިއަރަމުންދާ ދުނިޔޭގައި، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އުޅެންޖެހިފައިވަނީ ހެނދުނު 8 އިން ހަވީރު 4 އަށް މަސައްކަތްކުރަންޖެހޭ ވަރަށް ބިޒީ ދިރިއުޅުމެއްގައެވެ. މެދުކެނޑުމެއްނެތި ކުރިއަށްދާ ބައްދަލުވުންތަކާއި، މޭޒުދޮށުގައި ހޭދަކުރާ ގިނަވަގުތުތަކުގެ އިތުރުން، ސްކްރީންތަކަށް ބަލަން ތިބެންޖެހޭ ވަގުތު ގިނަވުމުގެ ސަބަބުން، ހަށިގަނޑު ހަރަކާތްތެރިކޮށްލުމަށް ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމަށް ލިބޭ ވަގުތު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއީ ގެއްލުމެއް ނެތް ކަމެއް ކަމަށް ހީވި ނަމަވެސް، ކޮންމެ ދުވަހަކު ގިނަވަގުތު އިށީނދެގެން އިނުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މޭޒުދޮށުގައި ގިނަވަގުތު ހޭދަކުރާ ފަރާތެއް ނަމަ، ތިރީގައިވާ ކަންކަމަށް ސަމާލުވުން މުހިންމެވެ:

ގޯސްކޮށް އިށީނދެ އިނުމާއި ބުރަކަށީގެ މައްސަލަތައް

ގިނަވަގުތު އިށީނދެގެން އިންނައިރު، ކޮނޑު ގުދުކޮށްގެން ނުވަތަ ކުރިއަށް ލެނބިގެން ތިބެވޭކަން ގިނަ ފަހަރަށް އިހުސާސެއް ނުކުރެވެއެވެ. މިގޮތަށް ގިނަދުވަހު އިށީނދެ އިނުމުގެ ސަބަބުން ބުރަކަށީގެ ކަށިތަކަށާއި ކަނދުރާއަށް ބޮޑު ބުރައެއް އުފުލަންޖެހެއެވެ. މީގެ ސަބަބުން ބުރަކަށީގައި ރިއްސުމާއި، ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވެއެވެ. މިފަދަ ކަންކަމަށް އަޅާނުލާ ދޫކޮށްލުމަކީ ދާއިމީކޮށް ބުރަކަށީގައި ރިއްސުމާއި، ޑިސްކްގެ މައްސަލަތައް ކުރިމަތިވެ ބުރަކަށީގެ ބޮޑެތި ބަލިތަކަށް މަގުފަހިވާނެ ކަމެކެވެ.

ގިނަދުވަސްވުމުން މިކަމުގެ ސަބަބުން 'ހަރނިއޭޓެޑް ޑިސްކް' އާއި، ދާއިމީކޮށް ކަނދުރާގައި ރިއްސުމާއި، ބުރަކަށީގެ ކަށިތައް ބަލިކަށިވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެއެވެ. ބުރަކަށީގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި، ބުރަކަށީގެ ސަޕޯޓު ލިބޭނެ ފަދަ ގޮނޑިއެއް ބޭނުންކުރުމާއި، ދެފައި ބިންމަތީގައި ހަމައަށް ޖައްސައިގެން އިނުމުގެ އިތުރުން، ދޭތެރެއަކުން ކޮޅަށް ތެދުވެ ހަރަކާތްތެރިވުން މުހިންމެވެ. ބޮޑަށް ރިއްސާނަމަ، ކަމާބެހޭ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ހަށިގަނޑަށް އަންނަ ބަދަލުތައް

ގިނަވަގުތު އިށީނދެގެން އިނުމަކީ ހަމައެކަނި ހަށިގަނޑަށް ކުރާ އަސަރެއް ނޫނެވެ؛ މިއީ ސިކުނޑިއަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށް، ކަންކަމަށް ސަމާލުކަން ދިނުން ދަތިވެ، ސްޓްރެސް އާއި ނުތަނަވަސްކަން އިތުރުކުރުވާ ކަމެކެވެ. ހަށިގަނޑާއި ސިކުނޑިއަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ބައި ކަމަށްވާތީ، ހަށިގަނޑު ހަރަކާތްތެރިކުރުމުން ލޭ ދައުރުވުން ރަނގަޅުވެ، އޮކްސިޖަން ލިބޭ މިންވަރު އިތުރުވެ، އުފާވެރިކަން އިހުސާސްކޮށްދޭ ހޯރމޯންތައް އިތުރުކޮށްދެއެވެ. މަސައްކަތުގެ ތެރެއިން ކުޑަކޮށް ހިނގާލުމާއި ހަށިގަނޑު ދަމާލުމަކީ ނަފްސާނީ ހަމަޖެހުން ލިބި، ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިދޭނެ ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ގިނަވަގުތު އިށީނދެގެން ތިބޭ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު %64 އިތުރުވެއެވެ. އަދި ހަކުރުބަލި ޖެހުމުގެ ފުރުސަތު %112 އިތުރުވާއިރު، ލޭގެ ޕްރެޝަރު މަތިވުމާއި ބަނޑުގައި ސަރުބީ ޖެހުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އެންމެ 5 ދުވަހު ހަރަކާތްތެރި ނުވެ ތިބުމަކީ ވެސް އިންސިއުލިން ރެސިސްޓެންސް އިތުރުވެ، ދާއިމީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

އާދަކުރަންވީ ބައެއް ކަންކަން:

·         ކޮންމެ 60 މިނެޓަކުން 5 ނުވަތަ 10 މިނެޓު ހިނގާލުން ނުވަތަ ހަށިގަނޑު ދަމާލުން.

·         އިށީނދެ ހުންނަ ގޮތް ދޭތެރެއަކުން ބަދަލުކުރުން. ފޯނެއްގައި ހުންނަ އިރު ހިނގާލުން ނުވަތަ ކޮޅަށް ހުރުން.

·         އިށީނދެ އިންނައިރު ބުރަކަށި ސީދާކޮށް ބެހެއްޓުމާއި، ސްކްރީން ހުންނަންވާނީ ލޮލާ އެއްވަރެއްގައެވެ.

·         ކަރާއި، ކޮނޑާއި، ބުރަކަށީގެ މަސްތައް ދަމާލުމުގެ ކުދިކުދި ކަސްރަތުތައް ކުރުން.

އިށީނދެގެން ގިނަވަގުތު މަސައްކަތް ކުރުމަކީ މިހާރު ދިރިއުޅުމުގެ އާދައަކަށް ވެފައިވީ ނަމަވެސް، ހަށިގަނޑުން ފެންނަ ވަރުބަލިކަމުގެ ނިޝާންތަކަށް ފަރުވާކުޑަ ނުކުރާށެވެ. މިއީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ބޮޑު ބައްޔެއްގެ އިންޒާރަކަށް ވެދާނެއެވެ. ބުރަކަށީގައި ރިއްސުމާއި، އަވަހަށް ވަރުބަލިވުން ފަދަ ކަންކަން ދިމާވާނަމަ، ލަސްނުކޮށް ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާށެވެ. ސިއްހަތަށް އިސްކަންދީ، ރަނގަޅު ނިންމުން ނިންމަވާށެވެ.

ރިފަރެންސް: ރޮނަލް ހެންޑްރީ، ޖުލައި 2021 ގައި ލިޔުއްވާފައިވާ ލިޔުމެއް

ނޯޓް: މިލިޔުން ލިޔެފައިވާ ރޮނަލް ހެންޑްރީ އަކީ އޮފީސް އަރގޮނޮމިކްސް ރިސްކް ފެސިލިޓޭޓަރެކެވެ.

ޓެގް

ލައިފްސްޓައިލްސް ސިއްޙަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.