ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ގައުމަށް ވަޑައިގެން، ދެ ގައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުމުގައި އައު ބާބެއް ހުޅުއްވައިލައްވައިފިއެވެ. މިއީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ވެސް ދިމާކޮށް ކުރައްވާ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުހިންމު 12 އެއްބަސްވުމަކާއި ގުޅުން ބަދަހިކުރުން
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައި، ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މުހިންމު 12 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާއި، ސިވިލް އޭވިއޭޝަން، ޓޫރިޒަމް، ތިމާވެށި އަދި ދިފާއީ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން ދެ ގައުމުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި ޕާކިސްތާނުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު ގާތުން ބެއްލެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...