ލައިފްސްޓައިލް ރޫބިކްސް ކިއުބް ހެދުމުގެ އަންހެނުންގެ ދުނިޔޭގެ ރެކޯޑު ޗައިނާގެ 6 އަހަރުގެ ކުއްޖަކު މުގުރާލައިފި

ރޫބިކްސް ކިއުބް ހެދުމުގެ އަންހެނުންގެ ދުނިޔޭގެ ރެކޯޑު ޗައިނާގެ 6 އަހަރުގެ ކުއްޖަކު މުގުރާލައިފި

ރޫބިކްސް ކިއުބް ހެދުމުގެ އަންހެނުންގެ ދުނިޔޭގެ ރެކޯޑު ޗައިނާގެ 6 އަހަރުގެ ކުއްޖަކު މުގުރާލައިފި
މި މުބާރާތުގައި ޒީޒީ މުގުރާލާފައިވަނީ މި މަހުގެ ކުރީކޮޅު އޭނާ އަމިއްލައަށް ގާއިމުކުރި 4.52 ސިކުންތުގެ ރެކޯޑް ---

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރޫބިކްސް ކިއުބް ހެދުމުގެ އަންހެނުންގެ 3x3 ދުނިޔޭގެ ރެކޯޑު އެވަރެޖް 4.27 ސިކުންތުން ހަދައިގެން ޗައިނާގެ 6 އަހަރުގެ އަންހެން ކުއްޖަކު މުގުރާލައިފިއެވެ. ޗައިނާގެ ޗެންގްދޫއަށް ނިސްބަތްވާ ލިއަން ޔުންޒީ (ޒީޒީ) މި ރެކޯޑު ގާއިމުކޮށްފައިވަނީ ވާރލްޑް ކިއުބް އެސޯސިއޭޝަނުން މި މަހުގެ 16 ވަނަ ދުވަހު ގުއަންގްޒޫގައި ބޭއްވި "ސްޕީޑްކިއުބިންގ" މުބާރާތެއްގައެވެ.

މި މުބާރާތުގައި ޒީޒީ މުގުރާލާފައިވަނީ މި މަހުގެ ކުރީކޮޅު އޭނާ އަމިއްލައަށް ގާއިމުކުރި 4.52 ސިކުންތުގެ ރެކޯޑެވެ. އަދި ވަކިވަކި މަސައްކަތްތަކަށް (ސިންގަލް އެޓެމްޕްޓް) ބަލާއިރު، އޭނާ ވަނީ 4 ސިކުންތަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައިވެސް ރޫބިކްސް ކިއުބް ހަދާފައެވެ.

ޒީޒީގެ މަންމަ ޒިން ޔަންގްޒީ ބުނި ގޮތުގައި މި ކާމިޔާބީއަކީ އޭނާގެ ދަރިފުޅު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމެވެ. އަދި ކުރި ބުރަ މަސައްކަތުގެ ފޮނިމީރުކަން ލިބުމުން ދަރިފުޅު ހުރީ ވަރަށް ބޮޑަށް އުފާވެފައި ކަމަށާއި، މި ކާމިޔާބީއާއެކު އޭނާ އުޅޭ ކިންޑަރގާޓަން ސުކޫލުގެ ދަރިވަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބި، ސޮއި ހޯދުމަށް ބޮޑެތި ކުދިން ސުކޫލް ކްލާސްރޫމް ކައިރިއަށް އެއްވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

ޒީޒީ ރޫބިކްސް ކިއުބް ހަދަން ފަށާފައިވަނީ އުމުރުން އެންމެ 4 އަހަރުގައެވެ. އޭނާގެ މަންމަ އޭނާ ތަފާތު 7 ވަރަކަށް އިތުރު ހަރަކާތްތަކަށް—ނެށުމާއި، ކުރެހުމާއި، ޖިމްނާސްޓިކްސް ހިމެނޭގޮތަށް—ގެންދިޔަ ނަމަވެސް، ރޫބިކްސް ކިއުބް ހެދުމުގައި އޭނާގެ ހުރި ގާބިލުކަން ފެނި، މައިންބަފައިން ނިންމީ އެ ކަމަށް އިތުރު ވަގުތާއި އިސްކަން ދިނުމަށެވެ. މަންމަ ފާހަގަކުރި ގޮތުގައި މި ކަމުގެ ސަބަބުން ކުއްޖާގެ ސަމާލުކަން ދިނުމާއި، ހަނދާންގަދަވުމާއި، ލޮޖިކަލް ތިންކިންގ އަދި ވިސްނުން ތަރައްގީވުމަށް ބޮޑު އެހީއަކަށްވިއެވެ.

ނަމަވެސް މި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. މަސްތަކެއްގެ ތަމްރީނަށްފަހު އެވަރެޖް 8 ސިކުންތަށް ވަގުތު ކުޑަކުރެވުނު ނަމަވެސް، 3-4 މަސް ދުވަސް ވަންދެން ވަގުތު އިތުރަށް އަވަސްނުވެ ހުއްޓުނެވެ. އެ ހިސާބުން އުއްމީދު ކެނޑޭ ހިސާބަށް ދިޔަ ނަމަވެސް، ޝަންހާއީގެ ހާއްސަ ކޯޗެއްގެ އެހީތެރިކަމާއެކު 1,300 އަށްވުރެ ގިނަ ރޫބިކްސް ކިއުބް ފޯމިއުލާ ދަސްކުރުމުން އޭނާގެ ހުނަރު އަވަސްކަމާއެކު އިތުރުވެގެންދިއައެވެ.

މިހާރު ޒީޒީ ކިންޑަރގާޓަންގެ ކިޔެވުމުގެ އިތުރުން ހަފުތާގެ ބަންދު ނޫން ދުވަސްތަކުގައި ދުވާލަކު 2 އާއި 3 ގަޑިއިރު ތަމްރީނުކުރެއެވެ. އަދި ހަފުތާ ބަންދުގައި ދުވާލަކު 6 ގަޑިއިރާއި ހަމައަށް ތަމްރީނުތައް ކުރިއަށްގެންދާއިރު، ހަފުތާ ބަންދުތައް އާންމުކޮށް ހޭދަކުރަނީ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމުގައެވެ.

އެހެން ކުދިން ކުޅެން އުޅޭތީ ކުރިން ހަސަދަވެރިވި ނަމަވެސް، އަމިއްލަ ލަނޑުދަނޑިތައް ހާސިލުކުރުމުން ލިބޭ އުފާ ބޮޑުކަމަށް ޒީޒީ ބުނެފައިވާކަމަށް މަންމަ ހާމަކުރިއެވެ. ގިނަ ވަގުތު ތަކެއްގައި ކިއުބަށް ބަލަންއުޅޭތީ ލޮލުގެ ފެނުމަށް ބަދަލެއް އާދޭތޯ މަންމަ ބަލަމުންދާއިރު، މައިންބަފައިންގެ މަގުސަދަކީ މި ކަމުގެ ތެރެއިން ދަރިފުޅުގެ ކިބައިގައި އާޒިމާއި ހިތްވަރު އާލާކޮށް، ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަސް އެ ސިފަތަކުގެ ބޭނުން ހިފޭނެ ގޮތް ހެދުމެވެ.

ޓެގް

ވޯލްޑްރެކޯޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.